ޚަބަރު

މަދަނީ ޖަމުޢިއްޔާތަކުގެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި


  • އިނާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ޖުލައި 10އާ ހަމަށް ވަނީ ހުޅުވާލާފައި

  • އިނާމް 9 ދާއިރާއަކުން ދިނުމަށް ނިންމާފައިވޭ

  • ކޮންމެ ޖަމްޢިއްޔާއަކުންވެސް އިނާމަށް ހުށަހެޅޭނީ ކޮންމެވެސް އެއް ދާއިރާއަކުން

ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމުޢިއްޔާ/ޖަމާޢަތްތަކުން މުޖްތަމައު ބާރުވެރިކުރުމުގެ ގޮތުން ހިލޭސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، އެޖަމުއިއްޔާތަކުގެ އަގުވަޒަން ކުރުމުގެގޮތުން ދިނުމަށް ކަނޑައަޅާފައިވާ "ސިވިލް ސޮސައިޓީ އެވޯޑް"އަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ދޭ މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ޖުލައި މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ވިދާޅުވީ މިއިނާމަކީ އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރި ކުރުވުމަށް އަމިއްލައިސްނެގުމުގެ މަތީން، ތަފާތު ގޮތްގޮތުން އެ ޖަމުޢިއްޔާއެއް ނިސްބަތްވާ މުޖްތަމައުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށް ހިލޭސާބަހަށް މަސައްކަތް ކުރުމުގައި މަދަނީ ޖަމުއިއްޔާތަކުގެ ތެރެއިން ނަމޫނާ ދައްކުވައިދޭ ފަދަ މަސައްކަތްތައް ކޮށްފައިވާ ޖަމުއިއްޔާތަކަށް ދެވޭ އިނާމެއްކަމަށެވެ.

މި އިނާމުގެ ސަބަބުން ޖަމްއިއްޔާތަކުން ކުރާ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަކުރެވޭނެކަން އެވުޒާރާއިން ފާހަގަކުރައްވައެވެ. އަދި މަދަނީ ޖަމްއިއްޔާތަކުގެ އިނާމް ލިބޭފަރާތްތަކަށް، ޖަމްއިއްޔާތަކަށް ދެވޭ ހާއްސަ އެވޯޑާއި، ސެޓްފިކެޓް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އިނާމް 9 ދާއިރާއަކުން ދިނުމަށް އެ ވުޒާރާއިން ވަނީ ނިންމަވާފައެވެ.

އިނާމް ދޭ ދާއިރާތައް

- އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުންގެ ހައްޤުތައް ޙިމާޔަތްކޮށް އެފަރާތްތައް ބާރުވެރިކުރުވުން
- ޚާއްސައެހީގެ ދާއިރާ
- ތަޢުލީމީ ދާއިރާ
- މަސައްކަތްތެރިކަން ކުރިއަރުވާ އާލާ ކުރުން
- ދިވެހިންގެ ސަޤާފަތާއި އާދަކާދަތަކާއި ތާރީޚި ތަރިކަ، ދިވެހި ބަސް ދިރުވުން
- ފަންނުވެރިކަން (އާޓްސް) އަދި (އައި.ސީ.ޓީ) ދާއިރާ ދިރުވައި އާލާކުރުން
- ތިމާވެށީގެ ދާއިރާ
- ސިއްޙީ ދާއިރާ އަދި ދުޅަހެޔޮ މުޖުތަމަޢުއަކަށް މަސައްކަތް ކުރުން
- މަސްތުވާ ތަކެތިން މުޖުތަމަޢު ރައްކާތެރިކުރުން

ޒުވާނުން ބާރުވެރިކުރުމާބެހޭ ވުޒާރާއިން ވިދާޅުވީ އިނާމް ދިނުމުގައި ބަލާނީ ޖަމްޢިއްޔާތަކުން ހިންގާފައިވާ ޙަރަކާތްތަކަށް ބަލާ މުޖުތަމަޢު ބާރުވެރިކުރުވުމާއި މުޖުތަމަޢުއަށް ފައިދާ ހުރި ކަންތައް ހާސިލްކުރުމަށް ދެމެހެއްޓެނިވި ގޮތަކަށް ޙަރަކާތްތައް ހިންގާފައޮވާ މިންވަރަާއި ފެންވަރަށްކަމަށެވެ.

މި އިނާމަށް އެދި ހުށަހެޅޭނީ ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާތަކަށާއި ފައިތުވި 2 އަހަރު އަހަރީ ރިޕޯޓު ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި ރަޖިސްޓްރާރއަށް ހުށަހަޅާފައިވާ ޖަމިއްޔާތަކަށެވެ. އަދި ހިންގާ ކޮމިޓީގެ މުއްދަތު ހަމަނުވާ ޖަމިއްޔާތަކަށްވެސް މި އިނާމަށް ކުރިމަތިލެވޭނެއެވެ.

މި އިނާމާށް ހުށަހެޅޭނީ ކޮންމެ ޖަމްޢިއްޔާއަކުންވެސް އަމިއްލައަށެވެ. އަދި އިނާމް ޙައްގުވާކަމުގެ ހެއްކި ހުށަހަޅަންޖެހޭއިރު ކުރިން އެއްވެސް އިނާމެއް ލިބިފައިވާ ހަރަކާތެއް ހުށައެއްނޭޅޭއެވެ. މީގެ އިތުރުން ކޮންމެ ޖަމްޢިއްޔާއަކަށްވެސް އިނާމަށް ހުށަހެޅޭނީ ކޮންމެވެސް އެއްދާއިރާއަކުންނެވެ.