ފުވައްމުލައް ސިޓީގައި ގާއިމްކުރާ ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ލެބޯޓަރީ އަދި ތަމްރީނު މަރުކަޒަށް ބޭނުންވާ ބައެއް ތަކެތި ސިޓީ ކައުންސިލާ ހަވާލުކޮށްފިއެވެ.
މި ތަކެތި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާއާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ، ޔޫ.އެން.ޑީ.ޕީގެ ޑެޕިއުޓީ ރެސިޑެންޓް ރެޕްރެޒެންޓެޓިވް ޕެކް ޗުއާން ގާން، އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރު އިސްމާޢީލް ރަފީޢުގެ އިތުރުން އެކައުންސިލްގެ މުވައްޒަފުން ބައިވެރިވިއެވެ.
މިއީ ދިވެހި ސަރުކާރާއި، ޖަޕާނު އަދި ޔޫ.އެން.ޑީ.ޕީ އާއި ގުޅިގެން ހިންގާ ޕްރޮޖެކްޓުގެ ދަށުން ޤާއިމުކުރެވޭ ތަނެކެވެ. މިތަނުން ދަނޑުވެރިކަމާއި ގުޅުހުންހުރި ތަމްރީންތައް ހިންގުމުގެ އިތުރުން، ޒަމާނީ، ދެމެހެއްޓެނިވި ދަނޑުވެރިކަމަށް ބޭނުންވާ ކަންކަން އިންތިޒާމުވެގެންދާނެއެވެ.
ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިއީ އެންމެ މުހިންމު އެއް މަސައްކަތެވެ. ޤައުމީ ލެބޯޓަރީ ޤާއިމްކުރެވުމާއެކު، ދަނޑުވެރިކަމުން އުފައްދާ ތަކެތި ރައްކާތެރި ގޮތުގައި ބޭނުންކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން މިކަން ފާހަގަކުރައްވައެވެ.
ލެބޯޓަރީގެ މި މަޝްރޫޢުގެ ދަށުން، ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ފެންވަރު ވަޒަންކުރުމާއި، ބޭނުންކުރެވޭ ކެމިކަލްތަކުގެ މިންގަނޑުތައް ދެނެގަތުމުގެ މަސައްކަތް ހަރުދަނާކަމާއެކު ކުރިއަށް ގެންދެވޭނެއެވެ. މިކަމުގެ ސަބަބުން، ދިވެހިރާއްޖޭގައި އުފައްދާ ތަރުކާރީއާއި މޭވާގެ ރައްކާތެރިކަން އިތުރުވެ، ޞިއްޙަތަށް ފައިދާހުރި ކާބޯތަކެތި އުފެއްދުމަށް މަގުފަހިވެގެންދާނެކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ފާހަގަކުރައްވާފައުވެއެވެ. މި ސަރުކާރުގެ އަމާޒަކީ ދިވެހި ދަނޑުވެރިކަން ދެމެހެއްޓެނެވި ގޮތުގައި ތަރައްޤީކޮށް، ކާނާގެ ޔަޤީކަން އިތުރުކުރުމެވެ.