ޚަބަރު

ރައީސްގެ ވަޢުދާއި އެއްގޮތަށް ވާނުވާ ބަންދަށް ލުއި ދިނުމުގެ މަސައްކަތް ފަށައިފި


  • ވާނުވާ ބަންދުގެ މައްސަލައަށް ހައްލެއް ހޯއްދެވުމަކީ ރައީސްގެ ވަޢުދެއް

ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ވާނުވާ ބަންދުގައި ތިބި މީހުންގެ ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދު ފައްޓަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކާ ދައުލަތުގެ އިދާރާތަކުން ގުޅިގެން ކުރަންފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ ކަންކަން ފައްޓަވާފައިވާކަމަށެވެ. އަދި
މިއަދު މިފެށުނު މަސައްކަތުގެ ތެރެއިން ޒަމާންވީ މިމައްސަލައަށް ޙައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން، ކޯޓުން ކަނޑައަޅާ ޝަރުޠުތަކާއެކު ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަ މީހުންގެ ބަންދު މުރާޖަޢާކޮށް، ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދުން ފެށިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުންވެސް ވަނީ މިމަހުގެ 21 ވަނަ ދުވަހު ހާމަކުރައްވާފައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ވިދާޅުވީ މިކަން ކުރުމުގެ ކުރިން މުޖުތަމަޢުގެ ސަލާމަތަށް އޮތް ނުރައްކާ ދެނެގަންނާނެކަމަށެވެ. އެގޮތުން ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައެޅުމަށްޓަކައި އެމީހުން މޮނިޓަރ ކުރެވޭނެ ގޮތަށް ޝަރުޠުތަކަކާއެކު މުޖްތަމަޢުތެރެއަށް ދޫކޮށްލައިފިނަމަ އެކަމުގެ ސަބަބުން މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުން ޚިދުމަތާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް މެދުވެރިކޮށް ޚާއްސަ އެސެސްމެންޓެއް ތައްޔާރުކުރެވޭނެކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ. މިއެސެސްމަންޓްގައި ބަންދަށް ލުއިދެވޭ މީހުން މޮނިޓަރކުރުމަށް އެއިދާރާތަކަށް ފެންނަ މިންވަރު ބަޔާންކުރާނެކަމަށާއި، މިއެސެސްމަންތަކީ ޕީޖީ އޮފީހުގެ އެދުމަށް ފުލުހުން ތައްޔާރުޔކުރާނެ އެސެސްމަންޓެއް ކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

ވާނުވާ މައްސަލަ ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން އެކި މައްސަލަތަކުގެ ތަޙުޤީޤަށް ހައްޔަރުކޮށް، "ވާނުވާ ބަންދު"ގައި ތިބި މީހުންގެ ތެރެއިން މަދުވެގެން 3 ބައިކުޅަ 1 ބައި މީހުންނަކީ ޓެގް އަޅުވާފައި ދޫކޮށްލެވިދާނެ ބައެއްތޯ ބެލުމަށް، ގުޅުންހުރި އިދާރާތަތަކާއި ހަވާލުކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. "ރައްޔިތުންނާ އެކު" ޕޮޑްކާސްޓެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ "ވާނުވާ ބަންދު"ގައި މީހުން ބޭތިއްބުމުގެ މައްސަލައަށް އޮތް ދާއިމީ އެންމެ ރަނގަޅު ޙައްލަކީ، މައްސަލަ ބަލައި ނިންމުން އަވަސްކުރުން ކަމަށާއި، އެކަމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށެވެ.