ރައްޔިތުން އުންމީދުކުރާފަދަ ބައެއްގެ ގޮތުގައި ދިވެހި ވަޠަނީ ޚިދުމަތުގެ ބައިވެރިން ތަމްރީން ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ، ސިފައިންގެ މައިމަރުކަޒު، ބަންޑާރަކޮށީގައި ދިވެހި ވަޠަނީ ޚިދުމަތުގެ މުދައްރިބުންނާ މިއަދު ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ މުދައްރިބުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ދިވެހި ވަޠަނީ ޚިދުމަތަކީ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ދިވެހިރާއްޖޭގައި މުޅިން އަލަށް ފަށާ ކަމަކަށްވުމާއެކު، މިކަމުގައި ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމާއެކު މަސައްކަތްކޮށްދެއްވައި، ބެލެނިވެރިންނާއި ރައްޔިތުން އުންމީދުކުރާފަދަ ހަރުދަނާ ބައެއްގެ ގޮތުގައި ބައިވެރިން ތަމްރީން ކޮށްދެއްވުމަށް، އެދިވަޑައިގެންފައެވެ.
އަދި ދިވެހި ވަޠަނީ ޚިދުމަތުގައި ބައިވެރިވާ ޒުވާނުންނަކީ، އިސްލާމް ދީނަށް ލޯބިކުރާ، ދީނީ ކަންކަމަށް ފަރުވާތެރި، ޤައުމިއްޔަތުގެ ވިސްނުންހުރި، ޤައުމަށް ބޭނުންތެރި، ރިވެތި އަޚުލާޤާއި ސުލޫކުގެ ވެރި ބައެއްގެ ގޮތުގައި ތަމްރީނުކޮށްދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއްވެސް އިސްތިހާރުކުރުމެއް ނެތިވެސް، މި ޕްރޮގްރާމަށް މިހާތަނަށް ނުވަސަތޭކައާ ގާތްކުރާ ޢަދަދަކަށް، ޒުވާނުން ކުރިމަތިލާފައި ވާއިރު، މިއީ، މިފަދަ ޕްރޮގްރާމަކަށް ބެލެނިވެރިން ބޭނުންވެފައިވާ މިންވަރާއި ޒުވާނުންގެ މެދުގައި މި ޕްރޮގްރާމަށް އޮތް ތާއީދުކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. އެހެންކަމުން ދިވެހި ވަޠަނީ ޚިދުމަތަކީ ދިވެހީން ބަލައިގަންނަ، ދިވެހި ޒުވާނުންގެ މެދުގައި މަޤްބޫލު، ނަމޫނާ ޙަރަކާތެއްގެ ގޮތުގައި ތަރައްޤީކުރެވިގެންދިއުމަށް ބޭނުންފުޅުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޕްރޮގްރާމްގެ ބައިވެރިންނާއި ބެލެނިވެރިން، މިޕްރޮގްރާމަށް ކުރާ އުންމީދު ޙާޞިލުވާނެހެން މިޕްރޮގްރާމް ކުރިއަށް ގެންގޮސްދެއްވުމަށް މުދައްރިބުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ މޯލްޑިވްސް ނެޝަނަލް ސަރވިސްއަކީ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، އިސްލާމް ދީނަށް ފަރުވާތެރި، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، ދިވެހި ރައްޔިތެއް ބިނާކޮށް، މަސައްކަތަށް އަހުލުވެރި، އަޚްލާޤު ރަނގަޅު، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ދިވެހިރާއްޖޭގައި މުޅިން އަލަށް ފައްޓަވާ މަޝްރޫޢެކެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ މަޤްޞަދުތަކުގެ ތެރޭގައި، ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރުމާއި، ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްޤީކުރުމާއި، ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުމާއި، ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ބައްޓަންކުރުން ހިމެނެއެވެ.
މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޤިޔާސްއާއި ސިފައިންގެ ޖެނެރަލް އޮފިސަރުން ބައިވެރިވެވަޑައިގަތެވެ. އަދި، ދިވެހި ވަޠަނީ ޚިދުމަތުގެ މުދައްރިބުންގެ އިތުރުން، ދިވެހި ވަޠަނީ ޚިދުމަތުގެ މަސައްކަތްކުރައްވާ ސިފައިންގެ އިސް އޮފިސަރުންވެސް ބައިވެރިވެވަޑައިގަތެވެ.
މޯލްޑިވްސް ނޭޝަނަލް ސަރވިސްއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމާއެކު، މޭ 28، 2025ގެ ނިޔަލަށް 891 ޒުވާނުންވަނީ ކުރިމަތިލާފައިވެއެވެ. މޯލްޑިވްސް ނެޝަނަލް ސަރވިސްގެ ތަމްރީންގެ ފުރަތަމަ ބުރަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުގެ 1200އަށެވެ.