ޚަބަރު

ރާއްޖޭގެ ސަރަހައްދު ނަހަމަ ގޮތުގައި ބޭނުންކުރަން އެެއްވެސް ބަޔަކަށް ފުރުސަތު ނުދޭނަން: ރައީސް


  • ރައީސް މިމޭރުމުން ވާހަކަފުޅުދެއްކެވީ ސްރީލަންކާގެ "ދަ ސިލޯން ޓުޑޭ"އަށް ދެއްވި ބަސްދީގަތުމެއްގައި

  • ޚާރިޖީ ކަންކަމުގައި އަބަދުވެސް ބަލަނީ ޤައުމީ މަސްލަޙަތަށާއި ބައިނަލްއަޤުވާމީ އުސޫލުތަަކަށް

ރާއްޖޭގެ އިޤްތިސާދީ ސަރަހަައްދު ނަހަމަގޮތުގައި ބޭނުންކުރަން އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާނެކަމަށް ރައީސުލް ޖުމްޙޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ "ދަ ސިލޯން ޓުޑޭ" ނޫހަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ ޖޯގްރަފީގެ ގޮތުން ރާއްޖެ އޮތް ސަރަހައްދުގެ މުހިންމުކަމާއެކު އިންޑިއާ ކަނޑުގެ ސުލްޙަމަސަލަސްކަމާއި ހަމަޖެހުން ގެއްލޭ ގޮތަށް، ރާއްޖޭގެ ސަރަހައްދު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދެއްވާނެ ކަަމަށެވެ.

އެހެން ނަމަވެސް ރާއްޖޭގެ ސަރަހައްދުން ދަތުރުކުރުމުގެ ފުރުސަތު އިހުތިރާމާއި ހަމަހަމަކަމާއެކު ދެއްވާނެކަމަށާ އެއީ ކަނޑުދަތުރުފަތުރު ކުރުމުގެ މިނިވަންކަމަށް ރާއްޖޭން ތާއީދުކުރާތީކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސަރަހައްދުގެ ތެރެއަށް ބޭރުގެ އުޅަނދެއް ވަންނަން ހުއްދަ ދޭނަމަ އަބަދުވެސް އެކަމުގައި ބަލަނީ ޤައުމީ މަސްލަޙަތަށާއި އެކަންކަމުގައި ހުންނަ އުސޫލުތަކަށް، އަދި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ބައިނަލް އަގުވާމީ ގޮތުން ލާޒިމުވާ ކަންތައްތަކަށް ރިޢާޔަތްކޮށްގެން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި އެ އުސޫލުގެ ތެރެއިން މީގެ ކުރިން އެމެރިކާއާއި އިންޑިއާގެ މަނަވަރުތަކަށް ވެސް ރާއްްޖޭގެ ސަރަހައްދަށް ވަނުމުގެ ހުއްދަ، ދީފައިވާނެއެވެ. ރާއްޖެއަކީ އަބަދުވެސް ހިތްހެޔޮކަމާއި މެހުމާންދާރީ އަދާކުރުމުގައި މަޝްހޫރު ގައުމެއް ކަމަށާ، ސަރުކާރުން މަސައްކަތްކުރާނީ އެ ތަސަައްވުރު ދަހަމަހައްޓަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އިންޑިއާކަނޑުގެ އަމާންކަމާއި ހަމަޖެހުމަށް ބުރޫ އަރާ ގޮތަަށް، މިސަރަހައްދު ނަހަމަގޮތުގައި ބޭނުންކުރަން ގަސްދުކޮށްގެން ކުރާ މަަސައްކަތްތަކަށް ދިވެހިރާއްޖޭން ފުރުސަތެއް ނުދޭނެ. އަޅުގަނޑުމެން އަބަދުވެސް އަމާޒަކަށް އޮންނާނީ ސަރަހައްދުގެ ސުލްހައާއި ރާއްޖޭގެ ސިޔާދަތަށް ގެއްލުން ނުވާ ގޮތަށް، ހަމަހަމަކަމާއެކު ހުރިހާ ގައުމުތަކާ އެކުގައި ވެސް ރަނގަޅު ގޮތުގައި ޑިޕްލޮމެޓިކް ގުޅުން ބޭއްވުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒު މިމޭރުމުން ވާހަކަފުޅުދެއްކެވީ ޗައިނާގެ ދިރާސާ އުޅަނދެއް ސްރީލަންކާގެ ސަރަޙައްދަށް ވަނުން މަނާކޮށްފައި ވަނިކޮށް، ރާއްޖޭގެ ސަރަޙައްދަށް ވަންނަން އެއުޅަނދަށް ހުއްދަ ދިނީ ކީއްވެތޯ ސިލޯނު ޓުޑޭގެ ބަސްދީގަތުމުގައި ސުވާލު ދެންނެވުމުންނެވެ. އެ ސުވާލަށް ވަަރަށް ތަފްސީލުކޮށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެއީ އެއްވެސް ގައުމަކާ ޚިޔާލުތަފާތުވާން ނިންމެވި ނިންމެވުމެއް ނޫން ކަމަށެވެ. އެ ނިންމުމުން ދޭހަކޮށްދެނީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭން އެފަދަ ކަންކަމުގައި ގޮތް ނިންމަނީ މިނިވަންކަމާ އެކުގައިކަމެވެ.

"ފޮރުވިފައިވާ އެއްވެސް މަޤުސަދެއް އެކަމުގައި ނޯންނާނެ. އަޅުގަނޑުމެން ހަމަ ޔަގީނުންވެސް ބޭރުގެ އުޅަނދަކުން އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދުގައި ދިރާސާއެެއް ކުރާކަށް ހުއްދައެއް ނުދެން،" ރައީސް ވިދާޅުވިއެވެ.

އިންޑޯ ޕެސިފިކް ސަރަހައްދުގެ ބާރުތަކުގެ މެދުގައި ތިލަފަތް ހަމަ ޚާރިޖީ ސިޔާސަތެއް ގެންގުޅުމުގައި ރައީސް ޑރ.މުޢިއްޒުގެ ތަަސައްވުރަކީ ކޮބައިތޯވެސް ބަސްދީ ގަތުމުގައި ސިލޯން ޓުޑޭއިން ސުވާލުކުރިއެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ތަސައްވުރަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމާއެކު 2040ވަނަ އަހަރު އަންނައިރު، ރާއްޖެއަކީ ތަރަައްޤީވެފައިވާ ގައުމަކަށް ހެއްދެވުން ކަމަށެވެ.