ޚަބަރު

ހަވާއީއަށާއި ތަޖިކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައި ނައިބު ރައީސް މާލެ ވަޑައިގެންފި


  • ހަވާއީގެ ދަތުރުފުޅުގައި އިއާދަ ކުރަނިވި ހަކަތަ އިތުރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރެއްވި

  • ތަޖިކިސްތާނުގެ ބޮޑުވަޒީރާއި ނައިބު ރައީސް ބައްދަލުކުރެއްވި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ހަވާއީއަށާއި ތަޖިކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހަވާއީއަށް ކުރެއްވި ދަތުރުފުޅަކީ ބްލޫ ޕްލެނެޓް އެލަޔަންސް (ބީ.ޕީ.އޭ)ގެ ޚާއްޞަ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ބްލޫ ޕްލެނެޓް އެލަޔަންސްގެ ފެލޯޝިޕް ޕްރޮގްރާމްގެ އިފްތިތާޙީ ޙަފްލާގައި ޚާއްޞަ މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ. މިދަތުރުފުޅުގެ ތެރެއިންވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިވެހިރާއްޖެއާއި ބްލޫ ޕްލެނެޓް އެލަޔަންސާއެކު އޮންނަ ގުޅުން ރަސްމީކުރައްވައި، އިއާދަ ކުރަނިވި ހަކަތަ އިތުރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

ތަޖިކިސްތާނުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ "ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ގްލޭޝިއަރސް ޕްރިޒަރވޭޝަން" ސެޝަންގައި ބައިވެރިވެވަޑައިގެންފައެވެ. އަދި ތަޖިކިސްތާނުގެ ބޮޑުވަޒީރު، ޤަހީރު ރަސޫލްޒޮދާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްވެސް ކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ތަޖިކިސްތާނުގެ ބޮޑުވަޒީރު ވަނީ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެޤައުމަށްވެސް ފައިދާހުރި ދާއިރާތަކުގައި އެކުގައި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.