ޔުމްނު ވެއްޓުނު މައްސަލަ ތަޙުގީގުކުރުމުގެ މަސައްކަތް ނިންމާ، ކުރިއަށްއޮތް 2 ހަފްތާގެތެރޭގައި ތަހުޤީގު ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅޭނެކަމަށް އުއްމީދުކުރާކަމަށް، އެމައްސަލައާ ގުޅިގެން އުފެއްދެވި އިންކުއަރީ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ޔުމްނު ވެއްޓުނު ހާދިސާ ތަޙުގިގުކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ޤަރާރަކުން އިންކުއަރީ ކޮމިޝަން އުފެއްދެވީ އޭޕްރިލް މަހުގެ 27ވަނަ ދުވަހުއެވެ. ކޮމިޝަން އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ.
ކޮމިޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މައްސަލަ ތަޙުގީގުކުރުމަށް ކޮމިޝަނަށް މަތިކޮށްފަވާ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާކަމަށެވެ.
އަދި މިވަގުތު ކުރަމުންދަނީ ތަޙުގީގުގެ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތްކަމަށް ކޮމިޝަނުން ވިދާޅުވެއެވެ. އިންކުއަރީ ކޮމިޝަނުން ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި މައްސަލައިގެ ފައިނަލް ރިޕޯޓް އެކުލަވާލާ، ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
ކޮމިޝަންގެ މަސައްކަތްތަކަށް ބަލާއިރު، ކޮމިޝަނުން ވަނީ މި މައްސަލައާއި ގުޅިގެން ކަމާބެހޭ ފަރާތްތަކާ ސުވާލުކޮށްފައެވެ. އަދި މި މައްސަލައިގައި އާއްމުންގެ ފަރާތުން މަޢުލޫމާތު ހުށައެޅުމަށް ޚާއްސަ ޕޯޓަލްއެއް ހުޅުވާލާ، މަޢުލޫމާތު އެއްކޮށްފައިވެއެވެ.
އޭޕްރިލްމަހުގެ 18 ވަނަ ދުވަހު ހެނދުނު ހެންވެއިރު ގެއެއްގެ ފުރާޅުމަތީގައި މީހާކު ވެއްޓިފައި އޮތްކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެދުވަހުގެ ހެނދުނު 07:23 އެހާއިރުއެވެ. 21 އަހަރުގެ ޔުމްނު އަންނަނީ، ލިބުނު އަނިޔާތަކަށް މެލޭޝިއާގައި ފަރުވާ ހޯދަމުންނެވެ. މައްސަލައިގެ ތަޙުގީގުގައި ދިވެހި ދެ ފުލުހަކު މެލޭޝިއާގައި ތިބިކަމަށް، ފުލުހުންގެ އިދާރާއިން ވިދާޅުވެއެވެ.