ޙައްޖުގައި ތިބޭ މުއްދަތު ސަރުކާރުން 15 ދުވަހަށް ކުރުކޮށްލިކަމަށް ބުނެ ދައްކަމުންދާ ވާހަކައަކީ ހަގީގަތާ ޚިލާފު ވާހަކައެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ޙައްޖުގައި ތިބޭ މުއްދަތު ސަރުކާރުން 15 ދުވަހަށް ކުރުކޮށްލާފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ އެއްވެސް ބަޔަކު 15 ދުވަހަށް ސަޢުދި ޢަރަބިއްޔާގައި ނުތިބޭނެކަމަށެވެ. ވަޒީރު ވިދާޅުވީ މިފަހަރު ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓްގައި ދިޔަ މީހުން 18 ދުވަސް ސަޢުދީގައި މަޑުކުރާނެކަމަށާއި އަނެއް 3 ފްލައިޓްގެ ޙައްޖުވެރިން 19 ދުވަސް ވަންދެން ތިބޭނެކަމަށެވެ.
މީގެ އަހަރުތަކެއް ކުރިން ޙައްޖަށްދާ މީހުން 30 ދުވަހު ސަޢުދީގައި ތިބިނަމަވެސް މިފަހުގެ އަަހަރުތަކުގައި ޙައްޖުވެރިން ސަޢުދީގައި މަޑުކޮށްފައިވަނީ ޢާއްމުކޮށް 22 ދުވަހާއި 25 ދުވަހާ ދެމެދުކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ. އެއީ ޙައްޖު ނިންމުމަށްފަހު މަދީނާއަށް ދިއުމަށް ފަހު މައްކާއަށް އެނބުރިދާތީ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިފަހަރު ޙައްޖު ނިންމާފަ މަދީނާއަށް އައިސް މައްކާއަށް އެނބުރި ނުގޮސް ރާއްޖެއަށް ފުރާގޮތަށް ހަމަޖައްސާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެގޮތަށް ނިންމާފައިވަނީ ޙައްޖުވެރިންގެ ރައްކާތެރިކަމާއި މަޞްލަޙަތާއި މޫސުމަށް ބަލައި ޞިއްޙަތަށް ބެލުމުގެ ގޮތުން ސަޢުދި ޢަރަބިއްޔާއިން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ރިޢާޔަތްކުރުމަށްފަހުކަމަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުވަނީ ޤައުމީ މިފަދަ ކަންކަމުގައި ޙަޤީޤަތް އޮޅޭ ގޮތަށް ވާހަކަ ނުދެއްކުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއްނަމަ އެކަމާމެދު މަޝްވަރާކޮށްގެން ޙައްލު ހޯދާނެކަމުގެ ޔަޤީންކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމު އަލީ ސައީދުވަނީ ދެއްވާފައެވެ.