ދިވެހިރާއްޖޭގެ ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހު ބޭނުން ކުރާނެ ލޯގޯ ތައްޔާރުކޮށްދޭނެ ބަޔަކު ހޯދުމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
އެވުޒާރާއިން ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް "މިނިވަން ފަސްދޮޅަހުގެ ލޯގޯ ފަރުމާކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގައިވާ ގޮތުގެމަތިން ލޯގޯ ފަރުމާ ކުރުމަށްފަހު މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ހުޅުވާލާފައެވެ. ހުށަހަޅާ ލޯގޯތަކުން އެންމެ ރަނގަޅު ލޯގޯއެއް ހޮވާނީ އެކަމަށް ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ޕެނަލަކުންކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. ހުށަހަޅާ ލޯގޯތަކުގެ ތެރެއިން 1 ވަނައަށް ހޮވޭ ލޯގޯއަކަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭގޮތަށް ވަނީ ނިންމާފައެވެ.
* ލޯގޯއިން އިސްލާމް ދީނާއި ދިވެހިބަހާއި ސަޤާފަތާއި ދިވެހި ތަރިކަ ރަމްޒްކޮށްދިނުމާއި ދިވެހިވަންތަކަމާއި ދިވެހި ބިމުގައި ދިވެހީންގެ ދަޢުލަތް މިނިވަންކަމާއެކު ދެމިއޮތުން ރަމްޒްކޮށްދޭން ޖެހޭ
* ދިވެހި ދަޢުލަތުގެ އެވޭލާކަމާއި މިނިވަންކަމުގެ 60 އަހަރު ރަމްޒްކޮށްދިނުމާއި ކުރިމަގުގައި މިނިވަންކަމުގައި ދެމިތިބުމަށް ކުރާ އުންމީދުތައް ރަމްޒްކޮށްދޭން ޖެހޭ
* ލޯގޯގައި ބޭނުންކުރެވޭ ކުލަތަކަކީ ޤައުމީ ކުލަތައް ކަމަށްވެފައި އިތުރުކުލައެއް ބޭނުންކުރާނަމަ ދިވެހި ކަނޑާއި ރާއްޖޭގެ މާހައުލު ރަމްޒުކުރާ ކުލައެއް ކަމުގައިވާ ނޫކުލަ ބޭނުންކުރެވިދާނެ
* މުނާސަބަތާއި ގުޅިގެން އެކިކަންކަމުގައި ބެޖުގެ ގޮތުގަޔާއި ސްޓިކަރގެ ގޮތުގައި ބޭނުންކުރަން ފަސޭހަ ފަރުމާއަކަށް ވާންޖެހޭ
* ބެނާއާއި ޗާޕުކުރެވޭ ލިޔުންތަކުގައި ބޭނުންކުރަން ފަސޭހަ ފަރުމާއަކަށްވުމާއި ޓީޝާޓްފަދަ ތަކެތީގައި ބޭނުންކުރަން ފަސޭހަ ފަރުމާއަކަށްވެސް ވާންޖެހޭ
* އިލެކްޓްރޯނިކް މީޑިޔާގައްޔާއި އެނިމޭޝަނާއި ވީޑިއޯތަކުގައި ބޭނުންކުރެވޭފަދަ އެއްޗަކަށްވެސް ވާންޖެހޭ
ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ ހުށަހަޅާ ލޯގޯތަކުގައި ބަލާނީ ކޮލިޓީ އާއި ޓެކްނިކަލް ފެންވަރަށްކަމަށާއި އަސްލުވަންތަކަމާއި އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަމަށެވެ. އަދި ދިވެހިވަންތަކަމާއި މިނިވަން ފަސްދޮޅަސް ސިފަތައް ރަމްޒުކޮށްދީފައިވާ މިންވަރަށްކަމަށެވެ.
ދިވެހިރާއްޖޭގެ މިނިވަން ދުވަސް، ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ 1887 ވަނަ އަހަރުން ފެށިގެން އިނގިރޭސި ސަރުކާރުގެ އަޅުވެތިކަމުގައި ރާއްޖެ އޮތް އޮތުމަށް 1965 ވަނަ އަހަރު، ނިމުން ގެނެސް، މިނިވަންކަމުގެ އެގްރީމެންޓުގައި އޭރުގެ ބޮޑު ވަޒީރު ރައީސް އިބްރާހީމް ނާޞިރު ސޮއިކުރައްވާ ދިވެހި ޤައުމަށް މިނިވަންކަން ހޯއްދަވައިދެއްވި ދުވަހާ ގުޅުވައިގެންނެވެ. އެއީ އެއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ.
މިގޮތުން މިއަހަރު ފާހަގަކުރާނީ ދިވެހިރާއްޖޭގެ ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހެވެ.