މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓާއި އދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން މާމިގިލީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ޖޫން މަހުގެ 2 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އދ. މާމިގިލި/ ރީފްސައިޑް، އުމުރުން 30 އަހަރުގެ ރިސްވާން އިބްރާހިމާއި އދ. މާމިގިލި / ވިލެޖް، އުމުރުން 28 އަހަރުގެ އަޙްމަދު ފިރުޝާންއާއި އދ. މާމިގިލި / ރޯޅި، އުމުރުން 27 އަހަރުގެ މުޙައްމަދު ޝަހުދުއެވެ. މީގެ އިތުރުން އދ. މާމިގިލި / ކުވައިތު، އުމުރުން 34 އަހަރުގެ މުޙައްމަދު މަޙްމޫދު އާއި އދ. މާމިގިލި / އެވަރެސްޓް، އުމުރުން 39 އަހަރުގެ ޢަލީ ޝާނީޒް ނަމަކަށް ކިޔާ މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުންގެ ހިންގި މި އޮޕަރޭޝަނުގައި އެ ފަސް މީހުން ހައްޔަރުކޮށް އެމީހުންނާ ގުޅިގެން 7 ތަނެއް ބަލައިފާސްކުރިއިރު، 9.68 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރިސްވާން އިބްރާހިމާއި މުޙައްމަދު މަޙްމޫދަށް 15 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ. އަދި އަޙްމަދު ފިރުޝާން އާއި މުޙައްމަދު ޝަހުދުގެ އިތުރުން ޢަލީ ޝާނީޒް ބަންދުގައި ބެހެއްޓުމަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ އދ. މާމިގިލި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.