ޚަބަރު

ފުރަތަމަ 4 މަސް: އެކްސްޕޯޓްކުރި މަހުގެ އަދަދު %64.7 އިތުރު


  • ރާއްޖެއިން 31،000 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައި

މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު އިތުރުވެއްޖެއެވެ. އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %64.7 އިތުރު އަދަދެކެވެ.

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާގޮތުން ޖަނަވަރީއިން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ރާއްޖެއިން 31،000 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 19،000 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %64.7 އިތުރުވުމެކެވެ.

ފިނިކުރި އަދި ތާޒާ ކަނޑުމަހުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ރާއްޖެއިން 28،000 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައި ވަނީ 15،000 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %78 އިތުރުވުމެކެވެ.

ކަނޑުމަސް ނުލައި ރާއްޖެއިން މިއަހަރުގެ ފުރަތަމަ 4 މަސްދުވަހުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓްކުރި ފިނިކުރި އަދި ތާޒާ މަހުގެ އަދަދަކީ 229 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 163 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %40 އިތުރުވުމެކެވެ.

މިއަހަރުގެ މި މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓްކުރި ދަޅުގައި ބަންދުކުރި މަހުގެ އަދަދު ވަނީ ދަށްވެފައެވެ. އެއީ 2127 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދަޅުގައި ނުވަތަ ޕައުޗްގައި ބަންދުކޮށްގެން ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 2556 މެޓްރިކް ޓަނުގެ މަހެވެ.

ޕްރޮސެސްކޮށްގެން އެކްސްޕޯޓްކުރި މަހުގެ އަދަދު ވަނީ %58 އިތުރުވެފައެވެ. މިއަހަރުގެ މި މުއްދަތުގައި ޕްރޮސެސްކުރި ކަނޑުމަހުގެ ގޮތުގައި އެކްސްޕޯޓްކޮށްފައިވަނީ 532 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރު މި އަދަދު ހުރީ 336 މެޓްރިކް ޓަނުގައެވެ.

މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތައް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ގެނެސްދިނުމަށް މަސްވެރިކަމުގެ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް، އައިއެސްބީޑީގެ އެހީގައި މަސް ބަންދުކުރާ ކާރުހާނާއެއް ހުޅުމާލޭގައި އެޅުމަށް މިފްކޯއިން ދަނީ މަސައްކަތްކުރަމުންނެވެ. އައިއެސްޑީބީއާއި ދިވެހި ސަރުކާރު ގުޅިގެން މިފްކޯގެ މަސް ބަންދުކުރާ ޤާބިލުކަން އިތުރުކުރުމަށް އެޅުމަށް ހަމަޖެހިފައިވާ މި ފެސިލިޓީއަށް 65 މިލިޔަން ޑޮލަރުގެ ލޯނު އެހީ ލިބިފައިވެއެވެ. މިއީ 35 ޓަނުގެ މަސް ބަންދުކުރުމުގެ ޤާބިލުކަން ލިބިފައިވާ ފެސިލިޓީއެކެވެ.