މިއަހަރުގެ އަޟްޙާ ޢީދު އެންމެ ކުލަގަދަކޮށް ފާހަގަކުރާ ރަށް ބުނެގެން އެންމެ ފަހުގެ އައިފޯނެއް ހޯދުމުގެ ފުރުސަތު ޕީއެސްއެމް އެއަރއިން ހުޅުވާލައިފިއެވެ.
ޕީއެސްއެމް އެއަރއިން ވަނީ މިއަހަރުގެ އަޟްޙާ ޢީދު އެންމެ ކުލަގަދަކޮށް ފާހަގަކުރާ ރަށުގެ ނަން ޕީއެސްއެމް އެއަރއަށް މެސެޖްކޮށްގެން އައިފޯން 16 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު ހުޅުވާލާފައެވެ. މެސެޖް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 14ގެ ނިއަލަށެވެ.
އަޟްޙާ ޢީދާއި ދިމާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރިގަދަ ހަރަކާތްތަކެއް ބޭއްވުމަށް މިހާރު ދަނީ ރާވަމުންނެވެ.
ޤައުމީ ފެންވަރުގައި އަޟްޙާ ޢީދުގެ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން މިއަހަރު ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރާ 3 ރަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ. އެއީ ތިލަދުންމަތީ އުތުރުބުރީ ކެލާ، މާލެއަތޮޅު ގުރައިދޫ އަދި ހައްދުންމަތީ ގަމެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޟްޙާ ޢީދު ފާހަގަކުރާގޮތް މިއަހަރުވެސް ޕީއެސްއެމްގެ އެކި ޗެނަލްތަކުން ވަގުތުން ބެލުންތެރިންނަށް ގެނެސްދޭނެއެވެ. މިކަމަށް ޕީއެސްއެމްގެ ޓީމްތައް މިހާރު ދަނީ ތައްޔާރުވަމުންނެވެ.