ޚަބަރު

އަޟްހާ ޢީދުގެ މުނާސަބަތުގައި ނައިބު ރައީސާއި ވަޒީރުންގެ ތަހުނިޔާ


  • ކުރީގެ ރައީސުންވެސް ވަނީ ތަހުނިޔާ ފޮނުއްވާފައި

އަޟްހާ ޢީދުގެ މުނާސަބަތުގައި ދައުލަތުގެ އިސް ބޭފުޅުންނާއި ސިޔާސީ ބޭފުޅުން ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

އަޟްހާ ޢީދުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވި ބޭފުޅުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފާއި ސަރުކާރުގެ ވަޒީރުން ހިމެނިވަޑައިގަންނަވައެވެ.

ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބަރަކާތްތެރި އަޟްހާ ޢީދު ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް ދަންނަވާކަމަށެވެ.

ނައިބު ރައީސްގެ އިތުރުން ވަޒީރުންވެސް ވަނީ އީދުގެ ތަހުނިޔާ ފޮނުއްވާފައެވެ.

ވަޒީރުންގެ ތަހުނިޔާގެ މެސެޖުގައިވެސް އުފާވެރި އަޟްހާ ޢީދުގެ ހެޔޮއެދުންތައް އެންމެހައި ލޮބުވެތި މުސްލިމް އަޙުންނާއި އުހުތުންނަށް ވަނީ އަރިސްކުރައްވާފައެެވެ. އަދި މި ބަރަކާތްތެރި ޢީދަކީ އަޅުގަނޑުމެން އެންމެން އެކުވެރިކަމާއިއެކު ޢާއިލީ އަދި އިޖްތިމާއީ ރޫޙު އާލާކޮށް ގުޅުން ބަދަހިކުރަން ލިބޭ ފުރުޞަތެއްކަމުގައި ލެއްވުން އެދޭކަމަށް ވަޒީރުން ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲވެސް ވަނީ ޢީދުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވާފައެވެ، އެމަނިކުފާނު ވިދާޅުވީ 1446 ވަނަ އަހަރުގެ އަޟްހާ ޢީދުގެ ހެޔޮ އެދުންތައް ދުވެހި ލޮބުވެތި އެންމެހާ އަޚުންނާއި އުޚުތުންނަށް އަރިސްކުރާކަމަށެވެ. އަދި މި މަތިވެރި ޢީދުގައި ރާއްޖެއާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހައި މުސްލިމުންނަށް ކީރިތި ﷲ ހެޔޮގޮތް މިންވަރުކުރައްވައި އަމާންކަން މިންވަރުކުރެއްވުމަށް އެދޭކަމަށް ވަނީ ވިދާޅުވެފައެވެ.

ކުރީގެ ބައެއް ރައީސުންވެސް ވަނީ ޢީދުގެ ތަހުނިޔާ ފޮނުވާފައެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ތަހުނިޔާ ފޮނުއްވާފައެެވެ.

އީދުގެ މުނާސަބަތުގައި ސިޔާސީ ވެރިން ތަހުނިޔާ ފޮނުއްވަމުންދާއިރު، އާއްމު ފަރުދުންވެސް ގެންދަނީ ސޯޝަލް މީޑިއާގައި ތަހުނިޔާގެ މެސެޖުތައް ހިއްސާކުރަމުންނެވެ.