ޚަބަރު

އެމްޓީސީސީގެ މަޝްރޫޢުތައް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުމަށް މުޅިން އައު ސިޔާސަތެއް


  • ލޯނު ދައްކަންޖެހުމުގެ ސަބަބުން މަޝްރޫޢުތަކަށް ޚަރަދުކުރަންޖެހޭ މިންވަރަށް ޚަރަދު ނުކުރެވޭ

  • މަޝްރޫޢުތައް ސެގްމެންޓުކޮށް އެހެން ފަރާތްތަކާ ހަވާލުކޮށްގެން ކުރިއަށް ކުރިއަށްގެންދަން ވަނީ ވިސްނާފަ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުތައް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުމަށް، މުޅިން އައު ސިޔާސަތެއް އެކުލަވާލާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވެއްޖެއެވެ.

އަޙްމަދު ސަޢުދީ މިހެން ވިދާޅުވީ، ބާރސެލޯ ނަސަންދުރާގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެމްޓީސީސީއަކީ ރާއްޖޭގެ ރަށްރަށުގައި ޢުމްރާނީ ތަރައްޤީއާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާ ކުންފުންޏެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެމްޓީސީސީން ވަނީ 187 މަޝްރޫޢެއްގެ މަސައްކަތްކުރިއަށް ގެންގޮސްފައެވެ.

އެމްޓީސީސީގެ މަޝްރޫޢުތައް ނުނިމި ލަސްވުމާ ގުޅޭގޮތުން ހިއްސާދާރަކު ކުރެއްވި ސުވާލަކަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވަނީ ވަރަށް ތަފްޞީލުކޮށް ޖަވާބުދެއްވާފައެވެ. ސަޢުދީ ވިދާޅުވީ، މިއަހަރުގެ މެއި މަހުގެ 23ވަނަ ދުވަހާ ހަމައަށް، ކެޕިޓަލް އިންވެސްޓްމަންޓްގެ ގޮތުގައި ގާތްގަނޑަކަށް 800 މިލިޔަން ރުފިޔާގެ މެޝިނަރީ ގަނެފައިވާކަމަށެވެ. އަދި ލޯނުތައް ޑިފޯލްޓް ނުވާނެގޮތަށް، މި ތަކެއްޗަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އިސްކަންދެއްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަޢުދީ ވިދާޅުވީ، ލޯނު ދައްކަންޖެހުމުގެ ސަބަބުން މަޝްރޫޢުތަކަށް ޚަރަދުކުރަންޖެހޭ މިންވަރަށް ޚަރަދު ނުކުރެވުމުގެ ސަބަބުން މަޝްރޫޢުތަކުގެ ކުރިއެރުން ދަށްވެފައިވެއެވެ.

"ލޯނު ދައްކާފަ އަސްލު މިލިބޭ ލާރިން ޕްރޮޖެކްޓުތަކަށް ހިންގުމަށް މި އޮންނަނީ ގާތްގަނޑަކަށް 8 މިލިޔަން ރުފިޔާ. އެހެންވީމަ އެއީ އެއްފަހަރާ 187 ޕްރޮޖެކްޓް ގެންގުޅޭ އިރު އެއަށް ބޭނުންވާ މެޓީރިއަލްއާއި ނުވަތަ އެހެނިހެން ކޯސްޓުތަކަށް އިނަފް ވެލިއުއެއްނޫން. އެހެންމަ އެ އެމައުންޓް ބޮޑުކުރާގޮތަށް މިހާރު އޮތީ." އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވިއެވެ.

މީގެ އިތުރުން، އިތުރު ގިނަ މަޝްރޫޢުތަކެއް ކުންފުންޏާ ހަވާލުކުރެވިފައިވާއިރު، މި މަޝްރޫޢުތަކުގެ މަސައްކަތް އެހެން ފަރާތްތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމުގެ ސިޔާސަތެއް ގެންގުޅުއްވާކަމަށް ސަޢުދީ ފާހަގަކުރެއްވިއެވެ.

"ދެން އެބޭފުޅުން މި ކޮންޓްރެކްޓް ހަދާފަ އިންނަ ގޮތުން ފުރުސަތު އޮވެއްޖެކަމަށް ވަންޏާ އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަމުންދަނީ އެކަން ކުރުމުގެ ޤާބިލުކަން ހުންނަ ޕާޓީސްތައް ހުރިކަމުގައި ވަންޏާމު އެބޭފުޅުން މެދުވެރިކޮށް ސެގްމެންޓް ވައިޒްކޮށް މަސައްކަތް ނިންމަން. މިސާލަކަށް ގާއަޅާ ސިމެންތިޖެހުން ކަމުގައިވިޔަސް އެގޮތަށް ދެވެން ހުރި ޕްރޮޖެކްޓްތައް ބަލާފަ އެބޭފުޅުންނާއި އެކަން ހަވާލުކޮށްގެން ޓައިމަށް ކޮމްޕްލީޓުކުރުމުގެ ސިޔާސަތެއް އެބަ ގެންގުޅެން." އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވިއެވެ.

މި ގެނައި ބަދަލަކީ އެމްޓީސީސީގެ މަސައްކަތްތައް އަވަސްކުރުމަށާއި، ކުންފުނީގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ސަޢުދީ ވިދާޅުވިއެވެ. އަދި މީގެ ސަބަބުން، ކުންފުންޏަށް ލިބިފައިވާ މަޝްރޫޢުތައް ހަލުވިކަމާއެކު ނިންމައި، ޚިދުމަތުގެ ފެންވަރު މަތިކުރެވޭނެ ކަމަށް އުންމީދުކުރައްވާކަމަށްވެސް އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވިއެވެ.