ޚަބަރު

މިނިވަން ދިވެހިރާއްޖެ ޑޮކިއުމެންޓްރީ: މީގެކުރިން ފެނިފައިނުވާ އެތައް މަންޒަރަކާއި މަޢުލޫމާތެއް


  • އިނގިރޭސީންގެ ޙިމާޔަތަށް ދާން ޖެހުނު ސަބަބާއި މިނިވަންކަން ލިބުނު ގޮތުގެ ތަފްސީލު

  • މިނިވަންކަމާ ގުޅިގެން ސްރީލަންކާގައި ހިނގައިދިޔަ މުހިންމު ކަންކަމުގެ ވާހަކަތައްވެސް

މިއަހަރު ފާހަގަކުރާ ފަޚުރުވެރި 60ވަނަ މިނިވަން ދުވަހަށް ޚާއްސަކޮށް ޕީއެސްއެމް ނިއުސްއިން ޚާއްސަ ޑޮކިއުމެންޓްރީއެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މީގެކުރިން އެއް ޕްރޮގުރާމަކުން ފެނިފައިނުވާ އެތައް މަންޒަރަކާއި މަޢުލޫމާތެއް ހިމަނައިގެން ތައްޔާރުކުރާ ޑޮކިއުމެންޓްރީއެކެވެ.

ދިވެހި ތާރީޚުން ކަޅު ދުވަސްތަކާއި އުފާވެރި ނޫރާނީ ދުވަސްތަކެއް ފެންނަން އެބަހުއްޓެވެ. ޙިމާޔަތާއި އަޅުވެތިކަން ދިވެހިން ތަޙައްމަލުކުރިއެވެ. އެހެނަސް މާތް ﷲގެ ހެޔޮ ރަޙުމަތްފުޅާއެކު މިއަދު ދިވެހިންނަކީ މިނިވަން ބައެވެ. މިއީ މިނިވަން މުސްތަޤިއްލު ޤައުމެވެ.

އެހެންކަމުން މިއަދު ކުރެވޭ ސުވާލަކީ ދިވެހިން މި ދެކޭ މިނިވަންކަމާއި މުސްތަޤިއްލުކަން ހޯދައިދިނުމުގެ ފަހަތުގައި ވަނީ ކޮން ބައެއްގެ ޤުރުބާނީއެއްތޯއެވެ. މިނިވަންކަން ގެއްލި އަދި އަނބުރާ ލިބުމުގައި ހިނގައިދިޔަ ހާދިސާތަކަކީ ކޮބައިތޯއެވެ. މި ސުވާލުތަކުގެ ޖަވާބު އެންމެ ތަފްސީލީ ގޮތެއްގައި ލިބޭނެ އެއް މަސްދަރަކީ މިއަހަރު ދިވެހިން ފާހަގަކުރާ 60 ވަނަ ފަޚުރުވެރި މިނިވަން ދުވަހާ ގުޅުވައިގެން ޕީއެސްއެމް ނިއުސްއިން ތައްޔާރުކުރާ ޚާއްސަ ޑޮކިއުމެންޓްރީއެވެ.

"މިނިވަން ދިވެހިރާއްޖެ" މި ނަމުގައި ޕީއެސްއެމް ނިއުސްއިން ތައްޔާރުކުރާ ޑޮކިއުމެންޓްރީ މެދުވެރިކޮށް ވާނީ އިނގިރޭސީންގެ ހިމާޔަތުން ވީއްލި، ފުރިހަމަ މިނިވަން ޤައުމަކަށްވުމަށް ރާއްޖޭން ކުރި ދަތުރުގެ މުހިންމު ހަނދާންތަކާއި ވާހަކަތައް ވަރަށް ތަފްޞީލީ ގޮތެއްގައި ކިޔައިދެވޭނެއެވެ. މިނިވަންކަމަށް ކުރި ދަތުރުގައި ދިމާވި ކޮންމެ ބާންޏަކާއި މި ރާއްޖެ ދުށް ކޮންމެ ލޮޅަމަކުން ފެށިގެން ގޮސް، މިނިވަންކަމުގެ ޖޯޝާއި ފޯރި، މައް ދިވެހިންގެ މެދުގައި އުފެދުނު ގޮތުގެ ޝައުޤުވެރި އެތައް ވާހަކައެއް މި ޑޮކިއުމެންޓްރީން ބެލުންތެރިންނާ ޙިއްސާކުރާނެއެވެ.

1887 ވަނަ އަހަރު ދިވެހިރާއްޖެ އިނގިރޭސިންގެ ޙިމާޔަތުގެ ދަށަށް ދާންޖެހުނު ސަބަބުތަކާއި އޭރު ދިވެހިންގެ ދިރިއުޅުމުގެ ޙާލަތާއި ތާރީޚީ ގޮތުން އެނގެންހުރި މުހިންމު ކަންކަމުގެ މައްޗަށް މި ޑޮކިއުމެންޓްރީގައި އަލިއަޅުވާލާނެއެވެ. އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައި 70 އެތައް އަހަރެއް އޮތުމަށްފަހު، މިނިވަންކަން ހޯދައިދިނުމުގައި އެންމެ އިސް މޭސްތިރިއެއްގެ ގޮތުގައި ހަރަކާތްތެރިވި އޭރުގެ ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު އަދާކުރެއްވި މުހިންމު ދައުރުގެ މަޢުލޫމާތުތައް ވަރަށް ތަފްޞީލީގޮތެއްގައި ގެނެސްދޭނެއެވެ.

މި ޑޮކިއުމެންޓްރީގެ އެންމެ ޚާއްސަ އެއް ކަމަކީ ރާއްޖެއަކީ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ކަނޑައެޅުނު އެއްބަސްވުމުގައި ސޮއިކުރެވުނު ތާރީޚީ ތަންކަމަށްވާ އަވަށްޓެރި އޮޅުދޫކަރައިގެ ކޮޅުނބުގައި ހިނގައިދިޔަ ބައެއް މުހިންމު ކަންކަންވެސް ގެނެސްދެވޭކަމެވެ.

މީގެ އިތުރުން ދިވެހިންނަށް މިނިވަންކަން ލިބުމަށްފަހު ރާއްޖޭން ރަސްމީކޮށް ޚާރިޖީގޮތުން އެންމެ ފުރަތަމަ ގުޅުން ޤާއިމުކުރި ޤައުމުތަކުގެ ތެރޭގައި ލަންކާވެސް ހިމެނޭއިރު، މިއަރަހަކީ ރާއްޖޭގެ މިނިވަންކަމުގެ އިތުރުން، ރާއްޖެއާއި ލަންކާގެ ޚާރިޖީގުޅުމަށްވެސް 60 އަހަރު ފުރޭ އަހަރުކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން މި ޑޮކިއުމެންޓްރީގައި ލަންކާއާއި ދިވެހިންގެ މެދުގައި އޮތް ޒަމާންވީ ގުޅުމުގެ މައްޗަށްވެސް ބަލާލާނެއެވެ.

މި ޑޮކިއުމެންޓް ތައްޔާރުކޮށްފައިވަނީ ޕީއެސްއެމްގެ ކްރޫ ސީދާ ލަންކާއަށް ގޮސްގެން ނަގާފައިވާ މަންޒަރުތަކާއި އެއްކޮށްފައިވާ މަޢުލޫމާތުތަކާއި ތާރީޚު ދިރާސާކުރައްވާ ތަޖުރިބާކާރު ބޭބޭފުޅުންގެ ޚާއްސަ ބަސްދީގަތުންތަކާ އެކުގައެވެ.

މިނިވަން ދުވަހުގެ ޚާއްސަ ޑޮކިއުމެންޓްރީ ބެލުންތެރިންނާ ހަމައަށް މި ގެނެސްދެވެނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއި ޚާރިޖީ ވުޒާރާގެ އިތުރުން ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އެއްބަރުލުމާއި އެހީތެރިކަމާއެކުއެވެ.