ޚަބަރު

ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި އަންހެނުން އަދާކުރަނީ މުހިންމު ދައުރެއް: ރައީސް


  • ގޮތް ނިންމާ މަގާމުތަކުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމުގައި ރާއްޖޭން ދެމި އޮންނާނެ

  • ބައިނަލްއަގުވާމީ ހަމަޖެހުމާއި ތަރައްގީގައިވެސް އަންހެނުން އަދާކުރަނީ މުހިންމު ދައުރެއް

ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި އަންހެނުން އަދާކުރަނީ މުހިންމު ދައުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ "ވިމެން އިން ޑިޕްލޮމަސީ" ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ "ވިމެން އިން ޑިޕްލޮމަސީ" ދުވަސް ފާހަގަކުރާއިރު ޤައުމުތަކުގެ ޚާރިޖީ ސިޔާސަތުތައް ބައްޓަން ކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރަން ޖެހޭ ކަމަށެވެ. އަދި ޑިޕްލޮމަސީ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް އދ.ން ފެށި ހަރަކާތުގެ މައި ހިއްސާދާރެއްގެ ގޮތުގައި ދިވެހި ރާއްޖޭން މި ދުވަސް ފާހަގަކުރަނީ ފަޚުރުވެރިކަމާއެކުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގޮތް ނިންމާ ފެންވަރުގެ މަގާމުތަކުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމާއި އަންހެނުންނާއި އަންހެން ކުދިން ތަމްސީލް ކުރާ، އެ މީހުންގެ އަޑުއަހާ، އަދި އިހުތިރާމްކުރާ މުސްތަގުބަލެއް ބިނާކުރުމުގައި ރާއްޖޭން އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ.

މީގެ އިތުރުން ބައިނަލްއަޤްވާމީ ހަމަޖެހުމާއި ތަރައްގީގައިވެސް އަންހެނުން އަދާކުރަނީ މުހިންމު ދައުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.

"ވިމެން އިން ޑިޕްލޮމަސީ" ނުވަތަ ޚާރިޖީ ދާއިރާގައި މަސައްކަތް ކުރާ އަންހެނުންގެ ދުވަސް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރަނީ އެ ދާއިރާގައި މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމާއެކު ޤައުމުތަކުގެ ތަރައްގީގައި އަންހެނުން އަދާކުރާ ދައުރު ފާހަގަކުރުމަށެވެ. އެގޮތުން، ކޮންމެ އަހަރެއްގެ ޖޫން މަހުގެ 24ވަނަ ދުވަސް "ވިމެން އިން ޑިޕްލޮމަސީ" ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ނިންމާފައިވަނީ އދ. ގެ އާންމު މަޖިލީހުގެ 76ވަނަ ސެޝަންގައެވެ.