ޚަބަރު

އެންމެ ކާމިޔާބު ސްކޫލަކަށް މިލަންދޫ ސްކޫލް


ކުޅުދުއްފުށި ސިޓީގައި ކުރިއަށްދިޔަ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2025 ގެ އެންމެ ކާމިޔާބު ސްކޫލުގެ މަގާމް މިލަންދޫ ސްކޫލް ހޯދައިފިއެވެ.

މިމަހުގެ 21 - 26 ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގައި ކުރިއަށްދިޔަ އެތްލެޓިކްސް މީޓުގެ 4 އުމުރު ފުރާގެވެސް ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދާ މިލަންދޫ ސްކޫލް ވަނީ އެންމެ ކާމިޔާބު ސްކޫލްގެ މަގާމް ހޯދާފައެވެ.

ކުލަގަދަކޮށް މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ރޭ ބޭއްވިއިރު ވަނަ ވަނައަށް ދިޔަ އެތުލީޓުންނާއި ޓީމުތައް ވަނީ މިރަސްމިއްޔާތުގައި މެޑަލް އާއި ޓްރޮފީ ހަވާލުކޮށްފައެވެ.

މިމުބާރާތުގެ 13 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން މިލަންދޫ ސްކޫލުން ހޯދީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިލަންދޫ ސްކޫލް ވަނީ 133 ޕޮއިންޓް ސްކޯކޮށްފައެވެ. ދެވަނަ އަށް ދިޔަ ނޮޅިވަރަންފަރު ސްކޫލަށް ލިބުނީ 59 ޕޮއިންޓެވެ. 13 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދީ ނައިވާދު ސްކޫލްއެވެ. އެއީ 108ގެ ސްކޯ އާކާއެކުއެވެ. ދެވަނަ އަށް ދިޔަ އަފީފުއްދީން ސްކޫލްގެ ސްކޯއަކީ 99 އެވެ.

15 އަހަރުން ދަށުގެ ޗެމްޕިއަން ޓީމުގެ މަގާމް މިލަންދޫ ސްކޫލް އާއެކު ހޯދީ އަފީފުއްދީން ސްކޫލެވެ. ފިރިހެން ޗެމްޕިއަންކަން މިލަންދޫ ސްކޫލް ހޯދީ 12 ރަން މެޑަލް އާއި 4 ރިހި މެޑަލް އަދި 6 ލޯމެޑަލް ހޯދައިގެންނެވެ. އަންހެން ޗެމްޕިއަންކަން އަފީފުއްދީން ސްކޫލް ހޯދާފައިވަނީ 8 ރަން މެޑަލް، 5 ރިހި މެޑަލް އަދި 3 ލޯ މެޑަލް ހޯދައިގެންނެވެ.

15 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމް ހޯދީ މިލަންދޫ ސްކޫލްގެ އިބްރާހިމް ނަޝީޙް އަލީއެވެ. ނަޝީހް ވަނީ ޓްރިޕަލް ޖަމްޕް، ހައި ޖަމްޕް އަދި 80 މީޓަރު ހާރޑަލްސް އިން ރަން މެޑަލް ހޯދާ ޓްރިޕަލް ޖަމްޕާއި 80 މީޓަރު ހާރޑަލްސްގެ މީޓް ރެކޯޑް އާއެކޮށްފައެވެ.

15 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީތުގެ މަގާމް ހޯދީ އަފީފުއްދީން ސްކޫލްގެ އައިމިނަތު އައުހާ އަބުދުއް ރަހުމާންއެވެ. އައުހާ ވަނީ ލޯންގް ޖަމްޕް، 100 މީޓަރު އަދި 200 މީޓަރު ރޭހުން ރަން މެޑަލް ހޯދާ ލޯންގް ޖަމްޕްގެ މީޓް ރެކޯޑް އާކޮށްފައެވެ.

17 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން މިލަންދޫ ސްކޫލް ހޯދިއިރު އަންހެން ޗެމްޕިއަންކަން ހޯދީ ޖަލާލުއްދީން ސްކޫލެވެ. މިއުމުރުފުރާއިން މިލަންދޫ ސްކޫލް ވަނީ 5 ރަން މެޑަލް، 3 ރިހި މެޑަލް އަދި 5 ލޯ މެޑަލް ހޯދާފައެވެ. ޖަލާލުއްދީން ސްކޫލުން އަންހެން ޗެމްޕިއަންކަން ހޯދީ 8 ރަން މެޑަލް އާއި 5 ރިހި މެޑަލް އަދި 3 ލޯ މެޑަލް ހޯދައިގެންނެވެ.

17 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓުގެ މަގާމް ހޯދީ މިލަންދޫ ސްކޫލްގެ މުހައްމަދު ޒައިދާން ޒާއިންއެވެ. ޒައިދާން ވަނީ ޓްރިޕަލް ޖަމްޕް އަދި ހައި ޖަމްޕުން ރަން މެޑަލް ހޯދާ ޓްރިޕަލް ޖަމްޕްގެ މީޓް ރެކޯޑް އާކޮށްފައެވެ.

17 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމް ހޯދީ ޖަލާލުއްދީން ސްކޫލަށް 200 މީޓަރާއި 400 މީޓަރު އަދި ލޯންގް ޖަމްޕުން ރަން މެޑަލް ހޯދައިދިން މަރިޔަމް މީޝާ މުޖުތަބާއެވެ.

އިންޓަރ ސްކޫލް އެތުލެޓިކްސް މީޓުގެ 20 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަންވެސް މިލަންދޫ ސްކޫލުން ހޯދާފައިވާއިރު އަންހެން ޗެމްޕިއަންކަން ހޯދީ ޖަލާލުއްދީން ސްކޫލެވެ. ފިރިހެން ބައިގެން ޗެމްޕިއަންކަން މިލަންދޫ ސްކޫލް ހޯދީ 3 ރަން މެޑަލް އާއި 6 ރިހި މެޑަލް އަދި 5 ލޯ މެޑަލް ހޯދައިގެންނެވެ.

20 އަހަރުން ދަށުގެ އަންހެން ޗެމްޕިއަން ޓީމަކަށް ހޮވުނީ ޖަލާލުއްދީން ސްކޫލެވެ. އެއީ 7 ރަން މެޑަލް އާއި 3 ރިހި މެޑަލް އަދި 3 ލޯ މެޑަލް ހޯދައިގެންނެވެ.

20 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓުގެ މަގާމް ހޯދީ އަހުމަދު ޝައްމާޙު އަލީ އެވެ. ޝައްމާޙު ވަނީ މިމުބާރާތުގެ 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ރޭހުން ރަން މެޑަލް ހޯދާފައެވެ.

20 އަހަރުން ދަށުގެ އަންހެން އެންމެ މޮޅު އެތުލީޓުގެ މަގާމް ހޯދީ ޖަލާލުއްދީން ސްކޫލްގެ އަހުނާ ނިޒާރެވެ. ރާއްޖޭގެ ޖޫނިއަރ ނެޝަނަލް ޓީމުގެވެސް އެތުލީޓުގެ އަހުނާ ވަނީ 100 މީޓަރު، 200 މީޓަރު، އަދި 400 މީޓަރު ރޭހުން ރަން މެޑަލް ހޯދުމުގެ އިތުރުން 100 މީޓަރު އަދި 200 މީތަރު ރޭހުގެ މީޓް ރެކޯޑްވެސް އާކޮށްފައެވެ.

އުތުރުގެ އަތޮޅުތަކަށް ހާއްސަކޮށްގެން ކުޅުދުއްފުށި ސިޓީގައި ބޭއްވި އެތުލެޓިކްސް މީޓުގައި އުތުރުގެ 4 އަތޮޅުން 19 ސްކޫލެއް ވަނީ ބައިވެރިވެފައެވެ. އަދި 721 އެތުލީޓުންނާއެކު 108 އިވެންޓެއް މިފަހަރުގެ އެތުލެޓިކްސް މީޓުގައި ކުރިއަށްދިޔައެވެ.