ސަޢުދީ ޢަރަބިއްޔާގެ އެހީތެރިކަމާއެކު ހިންގާ މަސްވެރިކަމުގެ މަޝްރޫޢުތަކުން ރަށްރަށަށް ކުރިއެރުންތައް ހޯދެމުން އަންނަ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމާ އަލަށް ހަވާލުވެވަޑައިގެންނެވި ޔަޙްޔާ ހަސަން އަލްޤަޙްޠާނީ މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެރުއްވުމާ ގުޅިގެން މަރުޙަބާ ވިދާޅުވެ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ކުރެއްވި ޕޯސްޓުގައި ވަނީ މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވުމުން ސަފީރަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ރާއްޖެއާއި ސައުދީއާ ދެމެދު އުފެދެމުން އަންނަ ގާތް ރަހުމަތްތެރިކަމުގެ ގުޅުން ފާހަގަކުރައްވައި އެ ގުޅުމަކީ ރާއްޖޭން އަގުވަޒަންކުރާ ގުޅުމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ސައުދީން ވަމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ ރަށްރަށުގައި ތަރައްގީ ކުރަމުން އަންނަ އައިސް ޕްލާންޓުތަކާއި ކޯލްޑް ސްޓޯރޭޖްތަކާއެކު ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް އަންނަ ކަމަށެވެ. އަދި މީގެ ސަބަބުން ރަށްރަށަށްވެސް ކުރިއެރުން އަންނަމުންދާ ކަމަށް މަސްވެރިންކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
Warm congratulations to H.E. Yahya Hassan Alhqahtani @YHAlghtani, on presenting his credentials as the newly appointed Ambassador of the Kingdom of Saudi Arabia to the Maldives.
— Ahmed Shiyam (@Shiyamaldives) July 6, 2025
The Maldives deeply values the growing friendship between our two nations. In the fisheries sector,… https://t.co/lVhGaKVX2Z
ސަޢުދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަޢުދީ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވަމުން ގެންދަވާ އަގުހުރި އެހީތެރިކަމާއި އެއްބާރުލެއްވުމަށް، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށާއި ވަލީޢަހްދަށާއި އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށް ނިހާޔަތަށް ޝުކުރު އަދާކުރައްވާފައެވެ.