ޚަބަރު

ނައިފަރު އޯޕަން 25 ނިންމުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ފާހަގަކޮށްފި


ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ރޯޔަލް އެމްބަސީ އޮފް ސައުދީ އަރަބިއްޔާ ނައިފަރު އޯޕަން 25 ބެޑްމިންޓަން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވައިފިއެވެ.

މުޅިރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މިމުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅު ތަކުން 171 އެތުލީޓުން ވަނީ މުބާރާތުގައި ބައިވެރިވެފައެވެ. ޖޫނިއަރ ކެޓަގަރީގައި ރައުންޑް ރޮބިން އުސޫލުން 102 ކުދިން ވަނީ ބައިވެރިވެފައެވެ. މިގޮތުން މާލެއިން މިމުބާރާތުގައި ބައިވެރިވާން ނައިފަރަށް ދިޔަ ފަރާތްތަކުގެ އިތުރުން ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ އަތޮޅާއި، ބ.އޭދަފުށި އަދި ނ.ހޮޅުދޫން ކުޅުންތެރިން ވަނީ މިމުބާރާތުގައި ވާދަކުރުމަށް ނައިފަރަށް އައިސްފައެވެ.

ޖޫނިއަރ ކެޓަގަރީތަކުގެ އިތުރުން އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ސޯޝަލް ކެޓަގަރީ އަދި ޤައުމީ ފެންވަރުގައި ކުޅޭ ކުޅުންތެރިންނަށް ހާއްސަކޮށްގެން އަލަށް ތައާރަފު ކުރި ނެޝަނަލްސް ކެޓަގަރީގެ މެޗުތައް ހިމެނޭހެން މިފަހަރުގެ މުބާރާތުގައި ޖުމްލަ 222 މެޗު ވަނީ ކުޅެފައެވެ.

ނައިފަރު އޯޕަން 2025 ޖޫނިއަރ ކެޓަގަރީތަކުގެ ތެރެއިން 9 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ އިޒްޔާން ޝާފީ އަލީ އަދި އަންހެން ޗެމްޕިއަންކަން ހޯދީ ކައިރާ ވާސިއުއެވެ.

11 އަހަރުން ދަށުގެ ބައިން ފިރިހެން ޗެމްޕިއަންކަން ހޯދީ ޒައިކް މުހައްމަދު އާމިރު އަދި އަންހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދީ މީފާ ބިންތި މޫސާއެވެ.

13 އަހަރުން ދަށުގެ ބައިން ފިރިހެން ޗެމްޕިއަންކަން ހޯދީ މައީޝް މުހައްމަދު އަދި އަންހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދީ ލައިބާ އަހުމަދު މަޙްލޫފްއެވެ.

15 އަހަރުން ދަށުގެ ބައިން ފިރިހެން ޗެމްޕިއަންކަން ހޯދީ އަހުމަދު އާކިލް މައްސޫދު އަދި އަންހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދީ ލާރާ މުހައްމަދު ލަތީފެވެ.

17 އަހަރުން ދަށުގެ ބައިން ފިރިހެން ޗެމްޕިއަންކަން ހޯދީ ޔޫނުސް ކާއިފް މުހައްމަދު އަދި އަންހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދީ އާމިނަތު އައިނީ އަޝްރަފެވެ.

19 އަހަރުން ދަށުގެ ބައިން ފިރިހެން ޗެމްޕިއަންކަން ހޯދީ މުހައްމަދު ޝިފާއު ހުސެއިން އަދި އަންހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދީ އައިޝަތު ޒޯޔާ ހުސެއިންއެވެ.

މުބާރާތުގެ ސޯޝަލް ކެޓަގަރީގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އިބްރާހިމް ނާޝިތު ހަމްދީ އަދި ސޯޝަލް ކެޓަގަރީގެ އަންހެން ޗެމްޕިއަންކަން ހޯދީ އުމުރުން އެންމެ 12 އަހަރުގެ ލައިބާ އަހުމަދު މަޙްލޫފްއެވެ.

ނެޝަނަލްސް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ހުސެއިން ޒަޔާން ޝަހީދު ޒަކީއެވެ.