ޚަބަރު

އަމާން އުދަރެސް: ފުރަތަމަ ޔުނިޓްގެ ތަޅުދަނޑި ހަވާލުކުރުމާއެކު ލޮލުން ހިލުނީ އުފާވެރިކަމުގެ ކަރުނަ


  • ފްލެޓު ލިބުނު ފުރަތަމަ ފަރާތަށް މިހާރު ވަނީ އެޕާޓްމަންޓް ހަވާލުކޮށްފައި

  • ކުރިއަށްއޮތް ދުވަސްތަކުގައި ޔުނިޓްތަކުގެ ތަޅުދަނޑި ހަވާލުކުރަމުންދާނެ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެފްޑީސީން ތަރައްޤީކުރި 4000 ސޯޝަލް ހައުސިން ޔުނިޓްތައް ހަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެގޮތުން އެންމެ ފުރަތަމަ ފްލެޓް ލިބުނު ފަރާތަށް މިހާރު ވަނީ ތަޅުދަނޑި ހަވާލުކޮށްފައެވެ. އަމާން އުދަރެސް މަޝްރޫޢުގައި ހިމެނޭ 16 ޓަވަރުގެ ތެރެއިން އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރަނީ 14 ވަނަ ޓަވަރުގެ ފްލެޓްތަކެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ފުރަތަމަ ފްލެޓް ލިބުނު މީހާއަށް ފްލެޓްގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލްއެވެ. ފުރަތަމަ ހަވާލުކޮށްފައިވަނީ އަމާން އުދަރެސްގެ 14ވަނަ ޓަވަރުގެ ފްލެޓެކެވެ.

ފުރަތަމަ ފްލެޓްގެ ތަޅުދަނޑި ފްލެޓް ލިބުނު ފަރާތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، މި ފްލެޓްތަކުގެ ތަޅުދަނޑިތައް ހަވާލުކުރުމުގެ މަސައްކަތް އެ ކުންފުނިން ބާރު ސްޕީޑްގައި ކުރިއަށްގެންދާނެކަމަށެވެ. އެގްރިމަންޓްގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްގެންދިޔަ އުސޫލުން ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ކުރިއަށްގެންދާނީ ރައްޔިތުންނަށް ލުއިފަސޭހަތަކެއް ވާނެފަދަ ގޮތަކަށް ތަރުތީބުކުރެވިގެންކަމަށެވެ.

އެޕާޓްމަންޓް ހަވާލުކުރެވިގެންދާއިރު މިއީ ފުރިހަމައަށް ނިންމާފައިވާ ޔުނިޓްތަކެއްކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ފެނާއި ނަރުދަމާ އަދި ކަރަންޓް މި ޕްރޮޖެކްޓްގައި މި ދައުރުގެ ތެރޭގައި ހިމަނާފައިވާކަމަށް ޝަކީލް ވިދާޅުވިއެވެ.

"މިއަދު މި ފެށުނީ އެފްޑީސީގެ 4000 ހައުސިން ޔުނިޓްގެ ޓެނެންޓުންނަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފުރަތަމަ ޓަވަރުގެ މަސައްކަތް މިހާރު ރަސްމީކޮށް މިފެށީ. ފުރަތަމަ ޓެނެންޓަށް މިހާރު މިވަނީ ތަޅުދަނޑި ހަވާލުކުރެވި އެޕާޓްމަންޓްވެސް ދައްކާލާފައި. މި މަސައްކަތާއިއެކު ޓަވަރު އެއްކޮށް އަޅުގަނޑުމެން މި ހުޅުވާލީ ޓަވަރުގެ ޓެނެންޓުންގެ ތެރެއިން ޑިޕޮސިޓް ދައްކާފައި ހުރި ފަރާތްތަކަށް ކީ ހޭންޑްއޯވަރ ޕްރޮސެސްއާއި ސައިންކުރަން." ޝަކީލް ވިދާޅުވިއެވެ.

އަމާން އުދަރެސް މަޝްރޫގެ ފުރަތަމަ ތަޅުދަނޑި ލިބުނު ރ. ކަނދޮޅުދޫ ޔުމްނާ ޒަކަރިއްޔާ ބުނީ، ބޯހިޔާވަހިކަމެއް ލިބޭތޯ އެކި ސްކީމްތަކަށް ކުރިމަތިލައިގެން ވަރަށް މަސައްކަތް ކުރެވިއްޖެކަމަށެވެ.

މި ހިޔާވަހިކަން ކާމިޔާބުމިވީ ވަރަށް ހިތްދަތި މަރުހަލާތައް ކަނޑަތުކުރުމަށްފަހުގައި ވަރަށް ބުރަ މަސައްކަތާއި ވަރަށް ބައިވަރު މީހުންގެ ހެޔޮ ދުއާއާއި އެކީގައިކަމަށެވެ. އެއްވެސް ފަހަރަކު ﷲގެ ރަހުމަތާއިމެދު އެއްގޮތަކަށްވެސް އުންމީދު ކަނޑާ ނުލާކަމަށް އޭނާ ބުންޏެވެ.

އޭނާގެ 4 ކުދިން ތިބޭއިރު އެންމެ ކުއްޖަކު ފިޔަވައި ދެން ތިބީ ކުޑަކުދިންނެވެ. އެހެންކަމުން އޭނާވަނީ ބޯހިޔާވަހިކަމަކަށް ވަރަށް ބޮޑަށް ފެންބޮވައިގަނެފައިކަމާއި މިއީ ވަރަށް އުފާވެރި ދުވަހެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.

"އަލްހަމްދުﷲ ވަރަށް އުފާވި. އަޅުގަނޑު ވަރަށް ދުވަސްވެއްޖެ ބޯހިޔާވަހިކަމެއް ލިބޭތޯ މަސައްކަތް ކުރާތާ. މި ބޯހިޔާވަހިކަމަށްވެސް ވާނީ ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރެވިފައި. މިއަދު ވެފައި ހުރީ އުފާ ނޭންގޭ ހަމަ ބުނެދޭންވެސް. ވަރަށް އުފާވެއްޖެ. މިއީ 4 ކުދިންނާއި އަޅުގަނޑުގެ މުޅި ދިރިއުޅުމަށް އައި އެންމެ އުފާވެރި ދުވަސް." ޔުމްނާ ބުންޏެވެ.

މި ރަސްމިއްޔާތުގައި އަމާން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ އަތްމަތީ ފޮތް ވަނީ ލޯންޗްކޮށްފައެވެ. މި ފޮތުގައި މި ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންކަމާއި އަމަލުކުރަންޖެހޭގޮތް ވަނީ ހިމަނާފައެވެ.

މިހާތަނަށް 3000އަށްވުރެ ގިނަ މީހުންނާއެކު، ފްލެޓްގެ އެއްބަސްވުމުގައިވަނީ ސޮއިކޮށްފައެވެ. އަދި މި ފަރާތްތަކަށް މިހާރު ޑިޕޮސިޓް ޕޭމަންޓް ދެއްކުމަށް ވަނީ ހުޅުވާލާފައެވެ.

ސަރުކާރުން ކަނޑައަޅާފައިވަނީ 2 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15000 ރުފިޔާގެ ޑިޕޮސިޓް އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25000 ހާސް ރުފިޔާގެ ޑިޕޮސިޓް ދެއްކުމަށެވެ. ފްލެޓްތަކަށް ޑިޕޮސިޓް ފައިސާ ދައްކަންޖެހޭނީ އެއްފަހަރާއެވެ. އެހެންނަމަވެސް ޑިޕޮސިޓް ދެއްކުމަށް ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ.

ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ބޮޑު ސަބްސިޑީއެއް ދޭން ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ގަވާއިދުން ކުލި ދައްކާނަމަ 3 ކޮޓަރީގެ އެޕާޓްމަންޓަށް މަހަކު 9000 ރުފިޔާ އަދި 2 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުލި 7000 ރުފިޔާއަށް ކުޑަކޮށްދިނުމަށް ވަނީ ނިންމާފައެވެ.