ޚާއްސަ އޮފަރތަކަކާއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ރާއްޖޭގެ މާކެޓަށް އެލްޖީ ޓީވީ ތަޢާރަފްކޮށްފިއެވެ.
މިކަމަށްޓަކައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެލްޖީ ޓީވީ ލޯންޗުކޮށްދެއްވީ، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހީމެވެ.
ރާއްޖޭގެ މާކެޓަށް އަލަށް ތަޢާރަފްކުރި އެލްޖީ ޓީވީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޭލްސް މެނޭޖަރ، އައިޝަތު ނަޒާހަތު ވިދާޅުވީ، އެސްޓީއޯގެ ރީޖަނަލް ހުރިހާ ފިހާރަތަކެއްގައި ކުރިއަށްއޮތްތާނގައި އެލްޖީ ޓީވީ ލިބެން ހުންނާނެކަމަށެވެ.
"އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން މިއަދު ތަޢާރަފް މިކުރީ ރާއްޖޭގެ މާކެޓަށް އެލްޖީ ޓީވީ. އެލްޖީ ޓީވީ މިއަދު އަޅުގަނޑުމެން އަލަށް ތަޢާރަފް ކުރިއިރުގައި މިއަދުން ފެށިގެން ވަރަށް ޚާއްސަ އޮފަރއެއް ޓީވީތަކުގެ ހަމަ ވަރަށް ޚާއްސަ އަގެއްގައި ލިބިގެންދާނެކަން ފާހަގަކޮށްލަން. މި ޓިވީތައް މިއަދު އަޅުގަނޑުމެންގެ މި ޝޯވް ރޫމްގައި ހުއްޓަސް އަޅުގަނޑުމެންގެ ރީޖަނަލްސްގެ ހުރިހާ ފިހާރަތަކެއްގައި ކުރިއަށް އޮތްތާނގައި އެވައިލަބަލްވާނެ ވާހަކަވެސް ދަންނަވާލަން." ނަޒާހަތު ވިދާޅުވިއެވެ.
އެލްޖީ ޓީވީއަކީ މިހާރުވެސް މާކެޓްގައި މަޝްހޫރު ބްރޭންޑެއްކަން ފާހަގަކުރައްވާ ނަޒާހަތު ވިދާޅުވީ، ޒަމާނީ އައު ވަސީލަތްތަކާއެކު ފަރުމާކޮށްފައިވާ އެލްޖީ ޓީވީތަކުގައި އާރޓިފިޝަލް އިންޓެލިޖެންސްގެ ޚާއްސަ ފީޗަރތަކެއް ހިމެނޭނެކަމަށެވެ.
އެލްޖީ ޓީވީ ރާއްޖޭގެ މާކެޓަށް ލޯންޗުކުރުމާއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވަނީ ޚާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ.
މި ޕްރޮމޯޝަންގެ ދަށުން އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިއްކާ އެލްޖީ ޓީވީތަކުން %10 އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 28 އިން އޮކްޓޫބަރުމަހުގެ 9 ގެ ނިޔަލަށެވެ.