ޚަބަރު

ނުރައްކާތެރި ތިން ބައްޔެއް ނައްތާލި ފުރަތަމަ ޤައުމަކަށް ރާއްޖެ، ރައީސްގެ ޝުކުރު ސިއްޙީ ޚިދުމަތްތެރީންނަށް


  • ނައްތާލާފައިވަނީ އެޗްއައިވީ، ސިފިލިސްބަލި އަދި ހެޕިޓައިޑިސް ބީ

  • ރާއްޖެއިން އަންނަނީ ސިއްޙީ ދާއިރާއިން ކާމިޔާބީތަކެއް ހޯދަމުން

މައިމީހާގެ ފަރާތުން ތުއްތު ދަރިފުޅަށް ޖެހޭ ބަލިތަކުގެ ތެރެއިން 3 ބައްޔެއް ނައްތާލެވުނު ފުރަތަމަ ޤައުމަކަށް ރާއްޖެވުމާއި ގުޅިގެން ސިއްޙީ އެހީތެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޝުކުރުއަދާކުރައްވައިފިއެވެ. މިއީ ތާރީޚީ ކާމިޔާބީއެއްކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.

ގައިން ގަޔަށް އަރާ އެކި ބަލިތަކާއި ދެކޮޅަށް ރާއްޖޭގެ ސިއްޙީ ދާއިރާއިން އަންނަނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯއާއެކު މަސައްކަތް ކުރަމުންނެވެ. މިގޮތުން ކުރެވުނު މަސައްކަތުން މީގެކުރިންވެސް ރާއްޖެއިންވަނީ އެޗްއައިވީއާއި ސިފިލިސްބަލި ނައްތާލާފައެވެ. އެހެންނަމަވެސް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑާއެއްގޮތަށް މިތިން ބަލި އެއްކޮށް ފުރަތަމަ ފަހަރަށް ނައްތާލެވުނު ޤައުމަކަށް ރާއްޖެވަނީވެފައެވެ.

މިކާމިޔާބީއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ތާރީޚީ ދުވަހެއްކަމަށެވެ. އެގޮތުން އެޗްއައިވީ، ސިފިލިސް އަދި ހެޕިޓައިޑިސް ބީ ނައްތާލެވުނު ފުރަތަމަ ޤައުމަކަށް ރާއްޖެވުމަކީ ރާއްޖެއިން ސިއްޙީ ދާއިރާއިން ހޯދި ބޮޑު ކާމިޔާބީއެއްކަމަށެވެ. އަދި މިބަލިތައް ނައްތާލުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރެއްވި ހުރިހާ ސިއްޙީ އެހީތެރިންނަށް ރައީސުލްޖުމްހޫރިއްޔާވަނީ ޝުކުރުއަދާކުރައްވާފައެވެ.

ގައިން ގަޔަށް އަރާ އެކި ބަލިތަކާއި ދެކޮޅަށް ޤައުމީ ފެންވަރުގައި އެކި މަސައްކަތްކޮށްގެން ރާއްޖެއިންވަނީ އެކި ބަލިތައް ރާއްޖެއިން ކާމިޔާބިކަމާއެކު ނައްތާލާފައެވެ. އެގޮތުން މެލޭރިއާއާއި ހިމަބިއްސާއި ލިންފަޓިކް ފައިލޭރިއާސިސް ފަދަ ނުރައްކާތެރި ބަލިތައްވަނީ ނައްތާލާފައެވެ. ގައިންގަޔަށް އަރާ ބަލިތަކާއި ދެކޮޅަށް ކާމިޔާބުކަމާއެކު ޤައުމީ ވެކްސިންގ ކެމްޕޭން އަންނަނީ ހިންގަމުންނެވެ.