ޚަބަރު

އޭޝިއަން ޔޫތު ގޭމްސް 2025: ހޭންޑްބޯޅަ ޓީމުގެ ދެވަނަ މެޗުގައި ބަހްރެއިނުން ރާއްޖެ މައްޗަށް ކުރި ހޯދައިފި


ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސް 2025 ގެ ހޭންޑްބޯޅަ އިވެންޓުގައި ކުޅުނު ދެވަނަ މެޗުގައި ހޯސްޓް ބަހްރެއިނުން ރާއްޖެ މައްޗަށް ކުރި ހޯދައިފިއެވެ.

ބަހްރެއިންގެ އުއްމު އަލްހައްސާމް އެރީނާގައި ކުޅުނު މެޗުގައި ބަހްރެއިނުން ރާއްޖެ މައްޗަށް ކުރިހޯދީ 74-13 ގެ ސްކޯއަކުންނެވެ. ބަހްރެއިނަކީވެސް މުބާރާތުގެ އެންމެ ވަރުގަދަ އެއް ޓީމެވެ. އޭގެ އިތުރުން ހޯސްޓް ގައުމެވެ.

މިއަދުގެ މެޗުގައި ރާއްޖޭގެ ޓީމުން ރަނގަޅަށް ކުޅެފައިވެއެވެ. ހާއްސަކޮށް އިއްޔެގެ މެޗަށްވުރެ ބޮޑުތަނުން ކުޅުން ރަނގަޅުކޮށް، މެޗުގައި ރާއްޖެއިން ގިނަ ހަމަލާތަކެއްވެސް އުފެއްދިއެވެ. ހާއްސަކޮށް ދެވަނަ ހާފުގައި ޓީމުގެ އެޓޭކްތައް ގިނަކޮށް ފެނުނު އިރު، މެޗުގައި ރާއްޖޭގެ ކެޕްޓަން ލަހުފާން ޝަހީމް ވަނީ އަށް ގޯލް ޖަހައިދީފައެވެ.

އޭގެ އިތުރުން ރާއްޖޭގެ ގޯލްތައް ޖެހީ އާއިލް މަޖީދާއި އިސްމާއީލްގެ އިތުރުން ޔޫސުފް މުސްތަފާ އަދި މުހައްމަދު ޔޫނުސްއެވެ. ކެޕްޓަން ޔޫސުފް މެޗުގައި ދެ ގޯލް ޖެހިއެވެ. އޭގެ އިތުރުން ރާއްޖޭގެ ކީޕަރުން ކަމަށްވާ މުހައްމަދު އަހުމަދާއި ނަބީލް އަހުމަދު ވަނީ އެކުގައި ގާތްގަނޑަކަށް ރަނގަޅު 20 ވަރަކަށް ސޭވް ކޮށްފައެވެ.

ރާއްޖެއަކީ ބަހްރެއިންގައި ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސްގެ ފިރިހެން ހޭންޑްބޯޅަ އިވެންޓްގައި ވާދަކުރާ ދެކުނު އޭޝިއާގެ ހަމައެކަނި ގައުމެވެ.

ހޭންޑް ބޯޅަ ފިރިހެން ޓީމަށް ދެން އޮންނާނީ ޖޯޑަންއާ ދެކޮޅަށް ކުޅޭ މެޗެވެ. އެމެޗު އޮންނާނީ ބުރާސްފަތި ދުވަހު ރާއްޖެ ގަޑިން އިރުއޮއްސި 6:00 ޖަހާއިރުއެވެ.