މާލޭގައި އަލަށް ހަދާ ވަޤްފު ޢިމާރަތްކަމަށްވާ ދާރުލްއަރްޤަމްގެ ޢަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި އަންނަ އާދިއްތަ ދުވަހު ބަޔަކާއެކު ސޮއިކުރެވޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މާލޭގައި އަލަށް ހަދާ ދާރުލްއަރްޤަމް ވަޤްފު ޢިމާރާތުން އަހަރަކު 10 މިލިޔަން ރުފިޔާ އިސްލާމިކް ވަޤުފު ފަންޑަށް ލިބޭނެ ކަމަށެވެ. އަދި އެ ތަން އެޅުމުގެ މަސައްކަތް އަންނަ އާދިއްތަ ދުވަހު ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ދެވަނަ ޒަމާނީ ވަޤްފު ބިނާ (ދާރުލްއަރްޤަމް) އަމަލީ މަސައްކަތްފެށުމުގެ އެއްބަސްވުމުގައި 26 އޮކްޓޯބަރ 2025 ގައި ސޮއިކުރާނެ. މިތަނުން އަހަރަކު 10 މިލިއަން އިސްލާމިކް ވަޤުފު ފަންޑަށް ލިބޭނެ. އިންޝާ ﷲ pic.twitter.com/WSEzmaGPEu
— Mohamed Shaheem Ali Saeed (@Mohamedshaheem1) October 23, 2025
ސަރުކާރުން ވަނީ ދާރުލްއަރްޤަމްގެ އިތުރުން ދާރުއްސަލާމްގެ ނަމުގައި ހުޅުމާލޭގައި ވަޤްފު ޢިމާރާތެއް އެޅުމަށް ނިންމަވާފައެވެ. ދާރުއްސަލާމް އިމާރާތުން އަހަރަކު 50 މިލިޔަން ރުފިޔާ ވަޤްފު ފަންޑަށް ލިބޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.
ސަރުކާރުން ވަނީ ވަޤްފު އިމާރާތްތައް އެޅުމުގެ މަޝްރޫޢުތަކަށް ބީއެމްއެލް އިސްލާމިކްއިން 350 މިލިޔަން ރުފިޔާގެ އިސްލާމިކް ލޯން ދިނުމަށް ނިންމާފައިވާކަން މީގެ ކުރިން ހާމަކުރައްވާފައެވެ. މި މަޝްރޫޢުތައް ނިމުމުން އިސްލާމީ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މި މަޝްރޫޢުތަކަކީ މި ދައުރުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބިޔަ މަޝްރޫޢުތަކެވެ.