ޒުވާން ކުޅުންތެރިންގެ މެދުގައި މޮޅުވުމުގެ ރޫހު އާލާކުރުވަން ޖެހޭކަމަށް 3ވަނަ އޭޝިއަން ޔޫތު ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ޒުވާން ހޭންޑްބޯޅަ ޓީމުގެ ކޯޗު ހުސެއިން އަޒްހަމް ބުނެފިއެވެ.
އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ ހޭންޑް ބޯޅަ ޓީމު ކުޅުނު ފަހު މެޗަށްފަހު ކޯޗު އައްޒާމް ބުނީ މުބާރާތުން ވަރަށް ބައިވަރު ކަންތައްތަށް ކުޅުންތެރިންނާއި ޓީމުގެ އޮފިޝަލުންނަށްވެސް ދަސްވެއްޖެ ކަމަށެވެ. މިގޮތުން އޭޝިއާގެ ވަރުގަދަ ޓީމުތަކުން މެޗަށް ތައްޔާރުވާ ގޮތާއި ޓްރެއިނިންގ ތަކުގެ އިތުރުން މެޗުތަކުގައި ބޭނުންކުރާ ޓެކްޓިކްސްވެސް ވަރަށް ގާތުން ފެނިގެންދިޔަ ކަމަށާއި ރާއްޖޭގެ ކުޅުންތެރިންނަށް ބޭނުން ހިފޭނެ އެތައް ކަމަށް ފެނިގެންދިޔަކަން އަޒްހަމް ފާހަގަކުރިއެވެ.
މުބާރާތުގައި ރާއްޖޭގެ ޒުވާން ހޭންޑް ބޯޅަ ޓީމުން ކުޅުނު ފަހު މެޗުގައި ބައްދަލުކުރި ހޮންގ ކޮންގާއެވެ. މިމެޗު ހޮންގ ކޮންގ ޓީމުން ކާމިޔާބުކުރީ 41 - 10 ންނެވެ.
މިމެޗު ފަށައިގެން ފުރަތަމަ ފަސް މިނެޓުގައި ދިވެހި ޓީމުގެ ކެޕްޓަން ލަހުފާންގެ ކަކުލަށް ލިބުނު ހާނިއްކައެއްގައި ވަނީ ބަދަލުކުރަން ޖެހިފައެވެ. އަދި މެޗުގެ ބާކީބައި ދިވެހި ޓީމުން ކެޅެން ޖެހުނީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިއާ އާއި ނުލައެވެ. ލަހުފާން ވަނީ އިންޖަރީވެގެން މެޗުން ފައިބަން ޖެހުމުގެ ކުރިން ދެ ލަނޑު ޓީމަށް ކާމިޔާބުކޮށްދީފައެވެ.
މިމުބާރާތުގައި ދިވެހި ހޭންޑް ބޯޅަ ޓީމުން ވާދަކޮށްފައިވަނީ އޭޝިއާގެ ހޭންޑްބޯޅައިގައި މިހާރު އެންމެ ކުރީގައި އުޅޭ ޤައުމުތަކާއެވެ.
މެޗަށްފަހު ކޯޗު އަޒްހަމް ބުނީ ޒުވާން އިރު ކުޅުންތެރިންގެ މެދުގައި މޮޅުވުމުގެ ރޫހު އިތުރު ކުރުވަން ޖެހޭ ކަމަށާއި ޖިސްމާނީ ގޮތުން ވަރުގަދަ ކުރުމުގެ އިތުރުން ނަފްސާނީ ގޮތުންވެސް ކުޅުންތެރިން ވަރުގަދަ ކުރުވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
މިއީ ދިވެހި ކުޅުންތެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ތަޖުރިބާއެއް ކަމަށާއި މުބާރާތް ނިންމާލާފައި އެނބުރި ޤައުމަށް ދާނީ ޓީމުގެ ހުރިހާ މެމްބަރުންވެސް ވަރަށް ބައިވަރު ރަނގަޅު ކަންތައްތަކެއް ދަސްކޮށްގެން ކަމަށްވެސް އަޒްހަމް ބުންޏެވެ.