ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސް 2025 ގެ އަންހެން ބީޗް ވޮލީ އިވެންޓްގެ ކުއާޓާ ފައިނަލްގައި ވާދަކުރުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށާއި، މި ކާމިޔާބީއާއެކު ކުރިއަށް ދިޔުމަށް ބޮޑު ހިތްވަރެއް ލިބެއްޖެ ކަމަށް ރާއްޖޭގެ އަންހެން ބީޗް ވޮލީ ޕެއާއިން ބުނެފިއެވެ.
ރާއްޖޭގެ އައިޝަތު ދީމާ ނަދީމާއި އަޒްކާ ބިންތު މުހައްމަދު ސިދުގީގެ ޕެއާއިން އިއްޔެ ކުއާޓާ ފައިނަލްގެ ޖާގަ ޔަގީންކޮށް މިއަދު ނުކުތީ ކަޒަކިސްތާންގެ ވަރުގަދަ ޕެއާއެއް ކަމަށްވާ ގަޔާނާ ގަލާޝްއާއި މެރޭ ކޮޒަހްމެތާ ދެކޮޅަށެވެ. އެޕެއާ ކައިރިންވެސް ވަރުގަދަ ހިތްވަރެއް ކޮށް، ވާދަކޮށްފައިވެއެވެ. ހާއްސަކޮށް ފުރަތަމަ ސެޓުގެ ކުރީކޮޅުގައި ލީޑުވެސް ދަމަހައްޓާފައިވެއެވެ.
ކަޒަކިސްތާނުން 2-0 އިން ކުރި ހޯދި އިރު، ސެޓުތައް ދިޔައީ 21-10 އަދި 21-9 އިންނެވެ.
މެޗަށްފަހު ދީމާ ބުނީ އޭޝިއާ ފެންވަރުގެ މުބާރާތެއްގައި ތާރީހު ލިޔެލެވުމަކީ ލިބުނު ޝަރަފެއް ކަމަށާއި، މުބާރާތުގެ ތެރެއިން ހިތްވަރުދިން ހުރިހާ ދިވެހީންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މިތަޖުރިބާއިން ކުރިއަށް ދިޔުމަށް ހިތްވަރު ލިބި، އިތުރު ހަރުފަތަކަށް ދާން އުންމީދު އާވެއްޖެ ކަމަށްވެސް އޭނާ ބުންޏެވެ.
ދީމާގެ ޕެއާގައި ހިމެނޭ އަޒްކާވެސް ބުނީ އޭޝިއާ ފެންވަރުގެ މުބަރާތެއްގައި ހޯދުނު ކާމިޔާބީއަށް އުފާކުރާ ކަމަށާއި، މިފަހަރުގެ ދަތުރުގައި އެހީތެރިވެދިން ހުރިހާ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.
މިފަހަރުގެ މުބާރާތުގައި ދީމާއާއި އަޒްކާ ހޯދި ކާމިޔާބީއަކީ އޭޝިއާ ފެންވަރުގެ މުބާރާތެއްގައި ރާއްޖޭގެ ބީޗް ވޮލީ ބޯޅައިން ޒުވާން ޓީމަކުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. މީގެ ކުރިން ބީޗް ވޮލީގެ އެއްވެސް ޓީމަކުން އޭޝިއާ މުބާރާތެއްގެ ކުއާޓާގައި ވާދަކޮށްފައެއް ނުވެއެވެ.