ތަރައްްޤީ

ތިނަދޫ - ތަރައްޤީގެ އެންމެ ގިނަ މަޝްރުޢޫތައް ހިންގާ އެއް ރަށް


އާބާދީގައި ރަޖިސްޓްރީވެފައިވާ 7532 މީހުން ދިރިއުޅޭ ގދ. ތިނަދޫގައި ރަށްވެއްސަކަށް ނުވެ މިރަށުގައި ގާތްގަނޑަކަށް 3000 ވަރަކަށް މީހުން ދިރިއުޅެމުންދާކަމަށް ތިނަދޫ ކައުންސިލުން ވިދާޅުވެއެވެ. އަތޮޅު ތަޢުލީމީ މަރުކަޒާއި ރީޖަނަލް ހޮސްޕިޓަލްވެސް ހުންނަނީ ތިނަދޫގައިކަމުން މިރަށަކީ އަބަދުވެސް މި އަތޮޅުގެ މީހުން ގިނަޢަދަދަކަށް ދަތުރުކުރާ ރަށެއް އަދި އެތައް ބަޔަކު މިރަށަށް ދިރިއުޅުންވެސް ބަދަލުކުރަމުން ގެންދެއެވެ. މިފަދަ ބައިވަރު ސަބަބުތަކާހުރެ ސަރުކާރުން ގެންދަވަނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ތިނަދޫގައި ހިންގަމުންނެވެ. 

މިގޮތުން ސަރުކާރުން ހިންގަވާ މަޝްރޫޢުގެ ދަށުން ތިނަދޫގައި ފްލެޓް އެޅުއްވުމުގެ މަސައްކަތް މިހާރުވަނީ ގާތްގަނޑަކަށް ނިމިފައެވެ. މި ފްލެޓްތަކަކީވެސް އަތޮޅުގެ މީހުންނަށް އިސްކަމެއް ދެއްވައިގެން ސަރުކާރުން އަޅުއްވާފައިވާ ފްލެޓްތަކެކެވެ. ތިނަދޫގައި ޢާންމުކޮށް ކޮށްއުޅޭ މަސައްކަތަކީ މަސްވެރިކަމެވެ. އެހެންނަމަވެސް ކޮންސްޓަރަކްޝަން މަސައްކަތާއި، ވިޔަފާރީގެ ދާއިރާގެ އިތުރުން ސަރުކާރާއި އަމިއްލަ ވަޒީފާތަކުގައި ގިނަ އަދަދެއްގެ ބަޔަކު އުޅެމުންގެންދެއެވެ. 

img:http://s4.psmnews.mv/images/660x400/8799.jpg|ގދ. ތިނަދޫ

ގދ. ތިނަދުއަކީ ސަރުކާރުން މިހާރު އެންމެ ގިނަ މަޝްރޫޢު ކުރިއަށްގެންދާ އެއްރަށެވެ. މިގޮތުން މިރަށުގެ ބިންހިއްކުމުގެ މަޝްރޫޢު ވަނީ ނިންމާލާފައެވެ. ކުރިން 113 ހެކްޓަރުގެ ތިނަދޫގައި މިހާރު 55 ހެކްޓަރު ހިއްކުމާ ގުޅިގެން މިހާރު ރަށުގެ ބޮޑުމިނަކީ 167 ހެކްޓަރެވެ. ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން ރަށުގެ އުތުރާއި ދެކުނުފަރާތުން ވަނީ ހިއްކާފައެވެ. އުތުރުން 51 ހެކްޓަރު ހިއްކާފައިވާއިރު ދެކުނު ފަރާތު އަބޫބަކުރު ސްކޫލާ ދިމާއިންވެސް ވަނީ ހިއްކާފައެވެ. އަދި ދެކުނުފަރާތު، ބަރާސީލް އަވަށުގެ 4 ހެކްޓަރު ވަނީ ހިއްކާފައެވެ. އަދި ހިއްކާފައިވާ ބައެއް ސަރަޙައްދުތަކުގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ.

img:http://s3.psmnews.mv/images/660x400/7560.jpg|ތިނަދޫ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: ނިޝާން މުހައްމަދު ޕީއެސްއެމް ނިއުސް

މިރަށުގައި 7 ސްކޫލު ހުންނައިރު މިއީ ޕްރައިމަރީ ސްކޫލުތަކުން ފެށިގެން ގްރޭޑް ބާރައަށް ކިޔަވައިދޭ ސްކޫލްތަކެކެވެ. 9 މިސްކިތް ހުންނަ މިރަށުގައި 2 ހޮޓަލާއި 13 ރެސްޓޯރެންޓް ހުރެއެވެ. އަދި ކުޑަކުދިންނަށް ޚާއްޞަ 4 ޕާކު އޮންނައިރު މިހާރު ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫޢުގެ ދަށުން ހައްދަވާ މިޔުޒިއަމް ޕާކްގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ޓާފް ދަނޑުގެ މަސައްކަތް ކުރިއަށްދާއިރު އެރަށުގެ މޫނުމަތީ ކަމުގައިވާ ފާލަން ރީތި ޑިޒައިންއަކަށް ހެދުމުގެ ތައްޔާރީތައްވެސް ވަމުން ދާކަމަށް ކައުންސިލުން މަޢޫލޫމާތުދެއްވައެވެ. އެރަށުގެ ގިނަ މަގުތަކެއްގައި ތާރުއެޅުމުގެ މަސައްކަތްވެސް ގާތްގަނޑަކަށް ވަނީ ނިމިފައެވެ. މީގެ އިތުރުން މާލޭގައި ހުންނަ އިސްލާމީ މަރުކަޒާ އެއްގޮތަށް އިސްލާމީ މަރުކަޒެއް ބިނާކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ.