ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު، ރާވެރިޔާ ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗު ބައްލަވާލައްވައި، ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފިއެވެ.
ނިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ރާވެރިޔާ ވޮލީ މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ނިލަންދޫ ކައުންސިލުން، ކުޅިވަރު ކުރިއެވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާ އެކަމަށް މަރުޙަބާ ދަންނަވާފައެވެ. އަދި ސަރުކާރުން މިފަދަ މުބާރާތްތަކަށް ފުރިހަމަ އެއްބާރުލުން އަބަދުވެސް ދެއްވާނެކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
މުބާރާތުގެ ފައިނަލް މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ބޮންބޮން ސްޕޯޓްސް ކުލަބެވެ.
ނިލަންދޫގެ ރަސްމީ ވޮލީ ކޯޓުގައި ކުރިއަށްދިޔަ ފައިނަލް މެޗު ބޮންބޮން ސްޕޯޓްސް ކުލަބުން ކާމިޔާބު ކުރީ ސީދާ 3 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓު ބޮންބޮން ކުޅެމުންދިޔައީ ވަރަށް ހަމަޖެހިލައިގެންނެވެ. މެޗުގެ ކުރީކޮޅު ބޮޑު ލީޑެއް ނެގި ނަމަވެސް ގެމަނަފުށީ ޓީމުން ކުޅުން ރަނގަޅުކޮށް ނަތީޖާ 11-11 އިން އެއްވަރު ކުރިއެވެ. މިސެޓުގައި މާޖިދާ ކުރިއަށް އެރުމާއިއެކު ބޮންބޮން އިން ވަނީ ރަނގަޅު ނިންމުންތަކެއް ނިންމައި ލީޑު ފުޅާކޮށްފައެވެ. މެޗުގެ ފުރަތަމަ ސެޓު އެޓީމުން ކާމިޔާބުކުރީ 25-16 އިންނެވެ.
މެޗުގެ ދެވަނަ ސެޓު ފަށައިގެން ބޮންބޮން އައީ 7 ވަރަކަށް ޕޮއިންޓްގެ ލީޑެއްގައި ކުޅެމުންނެވެ. ގެމަނަފުށި ވޮލީ ކުލަބުން ބަދަލުތަކެއް ގެނައި ނަމަވެސް ބޮންބޮން ގެ ހަމަލާތައް ހުއްޓުވޭގޮތެއް ނުވިއެވެ. މިސެޓު ބޮންބޮން ކުޅެމުންދިޔައީ ބޮޑު ލީޑެއްގައި އޮވެގެންނެވެ. ސެޓުގެ ފަހުކޮޅު ބޮންބޮން ޓީމުން ވަރުބަލިކަން ފެނުނު ނަމަވެސް އެޓީމުން ވަނީ ސެޓު 25-17 އިން ކާމިޔާބުކޮށްފައެވެ.
މެޗުގެ ތިންވަނަ ސެޓު ފަށައިގެން ގެމަނަފުށީ ވޮލީ ކުލަބުން މެޗުގެ ފުރަތަމަ ފަހަރަށް ލީޑް ނެގިއެވެ. 6-5 ލީޑެއްގައި އޮވެ. ގިނަ އިރު ހިފެހެއްޓޭ ގޮތެއް އެޓީމަކަށް ނުވިއެވެ. ބޮންބޮން އިން ސެޓުގެ ލީޑު ނެގީ 13-10 އިންނެވެ. ސެޓުގެ ފަހުކޮޅު ގެމަނަފުށިން ވަރަށް ބޮޑަށް ކުޅުން ރަނގަޅު ކުރި ތަން ފެނުނެވެ. މިސެޓު ވާދަވެރިކޮށް ކުޅެ 28-26 އިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ބޮންބޮން އިން ވަނީ ހޯދާފައެވެ.
މި މުބާރާތުގައި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 50،000 ( ފަންސާސް ހާސް ) ރުފިޔާ، އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 25،000 (ފަންސަވީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.
ރާވެރިޔާ ވޮލީބޯޅަ މުބާރާތަކީ، ހުވަދު އަތޮޅުގައި އެންމެ ޒަމާންވީ އެއްމުބާރާތެވެ. އަދި ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން ރާވެރިޔާ މުބާރާތުން ފެނެއެވެ. އެގޮތުން މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ޤައުމީ ވޮލީ ކުޅުންތެރިން ކަމުގައި ވާ ޝަމާއިލް، ހުޒާމް، ޝާމިލް، ނިލާމް( ޕާޓޭ) ކުޅުނެވެ. އަދި މީގެ އިތުރުން އަޒީމް ވެސް މި މުބާރާތުގައި ކުޅެފައި ވެއެވެ.
މި މުބާރާތުގެ ފިރިހެނުންގެ ފައިނަލް މެޗުގައި، ޓޮޕް ބްރަދާސް ސްޕޯޓްސް ކްލަބާއި ގެމަނަފުށި ވޮލީ ކުލަބުގެ ޓީމު ބައްދަލުކުރި މެޗު، 3-2އިން ކާމިޔާބުކުރީ ޓޮޕް ބްރަދާސް ސްޕޯޓްސް ކްލަބުންނެވެ.