ކުޅިވަރު

ރެއާލް މެޑްރިޑް ފުރުސަތު ނަގާލައިފި، އަލޮންސޯ ބުނަނީ ހަމަޖެހެން


ސްޕެނިޝް ލީގުގެ އެއްވަނާގައި މިހާތަނަށް ހިފަހައްޓަމުން އައި ރެއާލް މެޑްރިޑް އެ ފުރުސަތު ނަގާލައިފިއެވެ.

ލީގުގައި ރޭ ޖިރޯނާއާ ވާދަކޮށް ރެއާލް އެއްވަރުވީ 1-1އިންނެވެ. ޖިރޯނާގެ އޮއުނާހީ 45 ވަނަ މިނިޓްގައި ގޯލު ޖަހާފައި ވަނިކޮށް ރެއާލް މެޑްރިޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން ފްރާންސްގެ ކެޕްޓަން ކީލިއަން އެމްޕާބޭ އެވެ.

މި މެޗު އެއްވަރުވުމުން ރެއާލް ވަނީ 33 ޕޮއިންޓާއެކު ޓޭބަލުގެ ދެ ވަނަ އަށް ވެއްޓިފަ އެވެ. އެއްވަނާގައިވަނީ 34 ޕޮއިންޓާއެކު އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އެވެ. ނަމަވެސް ރޭގެ މެޗުން މޮޅުވިނަމަ އެއްވަނާގައި އޮންނާނީ ރެއާލް އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ ބުނީ ސީޒަނުގައި މިފަދަ ގޮތްތައް ވެސް މެދުވެރިވާނެ ކަމަށާއި ޖެހޭނީ ކެތްތެރިކަމާއެކު މަސައްކަތް ކުރަން ކަމަށެވެ.

"އަހަރުމެންނަށް ފުރުތަމަ ހާފުގައި އެކަށީގެންވާ ވަރަށް ނުކުޅެވުނު. ދެ ވަނަ ހާފު ރަނގަޅު. ފުރުސަތުތަކެއް ވެސް ހޯދުނު. އެކަމަކު މައްސަލައަކަށް ދިމާވީ ލިބުނު ފުރުސަތުތަކުގައި ޖެހި ބޯޅަތައް ގޯލާ އަމާޒު ނުކުރެވުން. ސީޒަނުގައި މިފަދަ ގޮތްތައް ވެސް ދިމާވާނެ. އަހަރުމެން ޖެހޭނީ މި ފަދަ ކަންކަމަށް ކެތްތެރިވެގެން ކުރިއަށްދާން. އަބަދުވެސް ދެން އޮންނަ މެޗަށް ތައްޔާރުވާން،" އަލޮންސޯ ބުންޏެވެ.

އޭނާ ބުނީ ރެއާލް މެޑްރިޑުން މި މެޗުގައި އެންމެ ރަނގަޅަށް ކުރި ކަމަކީ މުޅި ސީޒަނުގައި ވެސް ކުރަމުން އައި މަސައްކަތްތައް ތތަކުރާރު ކުރުން ކަމަށެވެ.

"އަހަރުމެން މި ސީޒަނުގައި ކުރިއަށް މިދަނީ ވަރަށް މަސައްކަތުން. ކުޅުންތެރިންގެ ފަރާތުން އެކަން ކުރަން ބޭނުންވިތަން ފެނުނު. މިއީ ހިތްހަމަ ޖެހުމެއް،" އަލޮންސޯ ބުންޏެވެ.

ރެއާލް އަށް ދެން އޮންނާނީ މި ހަފުތާގެ ފަހުކޮޅު ބިލްބާއޯއާ ދެކޮޅަށް ކުޅޭ މެޗެވެ.