އަހަރުގެ މިހާތަނަށް ރަޝިޔާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %12.6 އިތުރުވެއްޖެއެވެ. ރަޝިޔާއަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ނޮވެންބަރުމަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް ރަޝިޔާއިން ރާއްޖެއަށް 253،092 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުތެރޭ އެޤައުމުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 224،699 ފަތުރުވެރިންނާއަޅާ ބަލާއިރު %12.6 އިތުރު އަދަދެކެވެ.
ރަޝިޔާއަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށް ޤައުމެވެ. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ވަނީ 311،816 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން ނޮވެންބަރުމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 2،014،358 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %10 އިތުރު އަދަދެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 6،463 ފަތުރުވެރިން އާދެއެވެ.
ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ، ރިސޯޓްތަކުގައެވެ. އެއީ %73.6 އެވެ. ގެސްޓް ހައުސްތަކުގައި %21.6 ފަތުރުވެރިން އަދި ހޮޓެލްތަކުގައި %2.1 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.