ޚަބަރު

"ސިލޯނާއެކު ދިވެހީން" ޓެލެތޯންއަށް މިހާތަނަށް 10.7 މިލިޔަނަށްވުރެ ގިނަ ރުފިޔާ


  • އޭގެތެރޭގައި ހިމެނެނީ 10،049،870 ރުފިޔާ އަދި 43،631 ޑޮލަރު

ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ޙާލަތުގައި އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހި މީޑިއާތަކުން ފެށި ޚާއްސަ ޓެލެތޯނަށް މިހާތަނަށް 10.7 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީ ލިބިއްޖެއެވެ.

އާދިއްތަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރު ފެށި މި ޓެލެތޯން މިއަދުގެ މެންދުރު 2:00 ޖެހުމާއިހަމައަށް ވަނީ ކުރިއަށްގެންގޮސްފައެވެ.

ބީއެމްއެލްއިން މި ޓެލެތޯންއަށް ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް މިއަދުގެ މެންދުރު 14:00 ޖެހުމާއާ ހަމައަށް 10,722,660 ރުފިޔާ ވަނީ ލިބިފައެވެ.
އޭގެތެރޭގައި ހިމެނެނީ 10،049،870 ރުފިޔާ އަދި 43،631 ޑޮލަރެވެ.

37 މީޑިއާއެކު ކުރިއަށް ގެންދާ މި ޓެލެތޯން ފެށީ އާދިއްތަ ދުވަހު ހެނދުނު 9:00 ގައެވެ. އާދިއްތަދުވަހުގެރޭ މެންދަމު 1:00ޖެހުމާ ހަމައަށް ޓެލެތޯން ކުރިއަށްގެންދަން ކުރިން ނިންމާފައި އޮތްނަމަވެސް، މިޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ދިނުމުގެ ގޮތުން ހޯމަދުވަހުގެ މެންދުރުފަހު 2:00 ޖެހުމާއި ހަމައަށް ޓެލެތޯން ވަނީ ކުރިއަށްގެންގޮސްފައެވެ.

މީޑިއާ ޓެލެތޯންއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓްތަކަށް އަދި ޓީވީ ބިލްޑިންގއާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ފޮށިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުވަނީ އަދިވެސް ވަނީ ހުޅުވާލާފައެވެ.

މިމަހުގެ 26 ވަނަ ދުވަހު ސްރީލަންކާއަށް ކުރިމަތިވި ތޫފާން ދީތުވާއާއި ގުޅިގެން އެޤައުމު ވަނީ ކާރިސާގެ ޙާލަތުގައެވެ. ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. އަދި އެޤައުމުގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތްގުޅުންތަކެއް ބާއްވާ އެކުވެރި ބައެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް އަވަށްޓެރި އެކުވެރި ސްރީލަންކާއެވެ.