ކުޅިވަރު

ފެރަން ޓޮރޭޒްގެ ހެޓްރިކާއެކު ބާސެލޯނާ އެއްވަނާގައި


ރެއާލް ބެޓިސް ކޮޅަށް ފެރަން ޓޮރޭޒް ހެދި ހެޓްރިކާއެކު 5-3އިން މޮޅުވެ ސްޕެނިޝް ލީގުގެ ތާވަލުގެ އެއްވަނާގައި ބާސެލޯނާ ދަމިއޮވެއްޖެ އެވެ.

މި މެޗުގައި ބާސެލޯނާގެ ލީޑް ނެގީ ބެޓިސްގެ އެންތަނީ ހަ ވަނަ މިނިޓްގައި ލީޑް ހޯދީފައިވަނިކޮށެވެ. ޓޮރޭޒްގެ އިތުރުން ބާސެލޯނާގެ ލަނޑުތައް ޖެހީ ޕެނަލްޓީ އަކުން ލަމީން ޔަމާލް އާއި ރޫނީ ބާޖީ އެވެ.

މި މޮޅާއެކު ބާސެލޯނާ އެއްވަނާގައިވަނީ 16 މެޗުން 40 ޕޮއިންޓާއެކުގަ އެވެ. ދެ ވަނާގައިވާ ރެއާލް މެޑްރިޑް އެއް މެޗުން މަދު ކުޅެ ލިބިފައިވަނީ 36 ޕޮއިންޓެވެ.

މެޗަށް ފަހު ކޯޗު ހަންސީ ފްލިކް ވަނީ ވަރަށް ބޮޑަށް ޓޮރޭޒަށް ތައުރީފް ކޮށްފަ އެވެ.

"އަހަރެން ފުރަތަމަ އެހީ އޭނާ ގާތުގައި އެޓޭކިން މިޑްފީލްޑަރަކަށް ކުޅެވިދާނެހާ. އޭނާ ބުނީ އާނއެކޭ. އަހަރެން އޭނާ މި މެޗަށް ނެރުނީ މިއީ އޭނާ މި ދަނޑުގައި ގޯލު ޖަހާކަން އެނގިގެން. އޭނާ ވަނީ ވަރަށް ފުރިހަމަ އަށް އެކަން ކޮށްދީފައި،" ކޯޗު ބުންޏެވެ.

ލަމީން ޔަމާލް އާއި ރޫނީގެ ގުޅުން ރަނގަޅުކަން ވެސް ފްލިކް ފާހަގަ ކުރި އެވެ.

"ރޫނީ މި މެޗުގައި ސްޓާޓް ކުރުން ހައްގު. އަދި އޭނާ ވަނީ ވަރަށް ރަނގަޅަށް ކުޅެ ގޯލު ޖަހާފައި. އޭނާ އާއި ޔަމާލްގެ ކުޅުން ވެސް ވަރަށް ރަނގަޅަށް ފެނުނީ،" ފްލިކް ބުންޏެވެ.

އާއްމުކޮށް ޔަމާލް ކުޅޭ ކަނާތް ފަޅިއަށް ރޫނީ ނެރުމަށްފަހު ޔަމާލް މި މެޗުގައި ކުޅުނީ ބޮޑަށް މެދުތެރެއިންނެވެ.
ފްލިކް ބުނީ މެޗުގެ ފަހު ހާފުގައި ބާސެލޯނާ ފެނުނީ ވަރުބަލިކޮށް ކަމަށާއި ސަބަބަކީ ގިނަ އަދަދަކަށް މެޗުތައް ކުޅެން ޖެހުން ކަމަށެވެ.

"އަހަރުމެން މި އަންނަނީ ކޮންމެ ތިން ދުވަހަކު މެޗުތަކެއް ކުޅެމުން. މިހެންވީމާ އެހާ ފަސޭހައެއްނޫން. ކުޅުންތެރިން ފެނުނީ ވަރަށް ވަރުބަލިކޮށް ފަހު ހާފުގައި. އަހަރެން ބަދަލުތަކެއް ގެނައީ ވެސް މިހެންވެ. ޖުމުލަ މެޗުގެ ނަތީޖާ އާއި ކުޅުން ވެސް ރަނގަޅު،" ކޯޗު ބުންޏެވެ.