ބޭންކް އޮފް މޯލްޑިވްސްގެ ކާޑު ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަވެފައިވާ ކަމަށާއި އެކަކު ބޭރު ޤައުމަކަށް 100 އަށްވުރެ ގިނަ ކާޑު ގެންގޮސް ބޭރު ފައިސާ ނަގާފައިވާ ކަމަށް އެ ބޭންކުން ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ 11 ވަނަ ދުވަހުން ފެށިގެން ދިވެހި ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑު ރާއްޖެއިން ބޭރުގައި ބޭނުންކުރާ އަދަދު ވަނީ އިތުރުކޮށްފައެވެ. ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބަލައިގެން ގެނެސްފައިވާ މި ބަދަލުގައި ރާއްޖެއިން ބޭރުގައި ކާޑު މެޝިނުގައި ބޭނުން ކުރާ މުއާމަލާތްތަކަށް މަހަކަށް 1000 ޑޮލަރު، އަދި ޓިކެޓާއި ހޮޓެލް ބުކިންގ އަށާއި، ޞިއްހީ ފަރުވާއަށް ފައިސާ ދެއްކުމަށް މަހަކަށް 3000 ޑޮލަރާއި ހަމަޔަށް ވަނީ ލިމިޓު ކަނޑައަޅާފައެވެ.
ކާޑު ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަވެފައިވާކަން ބަޔާންކޮށް ބީއެމްއެލްއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ބައެއް ކަސްޓަމަރުން އެ ކަސްޓަމަރެއްގެ އަމިއްލަ ބޭނުމަށް، އަމިއްލަ އެކައުންޓަށް ނަގާފައިވާ ކާޑުތައް އެހެން ފަރާތްތަކަށް ރާއްޖެއިން ބޭރުގައި ބޭނުން ކުރުމަށް ދޭ ކަމަށެވެ. އެގޭ ތެރެއިން އެކަކު ބޭރު ގައުމަކަށް 100 އަށްވުރެ ގިނަ ކާޑު ގެންގޮސް، ބޭރު ފައިސާ ހޯދުމަށްޓަކައި ވަކި މާރޗެންޓެއްގެ ކާޑު މެޝިނުގައި އެ ކާޑުތައް ބޭނުން ކޮށްގެން މުޢާމަލާތްތައް ހިންގިކަން ފާހަގަކުރެވިފައިވާ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ދަތުރު ނުކުރާ ފަރާތްތަކުގެ ކާޑުތައް ބޭނުން ކޮށްގެން ގިނަ އަދަދުތަކަށް ޓިކެޓް އަދި ހޮޓެލް ބުކިންގއަށް ކަނޑައަޅާފައިވާ ލިމިޓް ބޭނުންކުރުންވެސް ހިމެނެއެވެ.
ބީއެމްއެލްއިން ވިދާޅުވީ، ތިންވަނަ ފަރާތަކަށް ކާޑު ދިނުމާއި ނަހަމަ ގޮތުގައި ކާޑު ބޭނުން ކުރުމަކީ ކާޑުގެ ވެރިފަރާތާއި ބޭންކާ ދެމެދު ވެފައިވާ އެއްބަސްވުމާ މުޅިން ޚިލާފު އަމަލެއް ކަމަށެވެ. މީގެ އިތުރުން ޕަރސަނަލް ކާޑުން ބޭރުގެ މުޢާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަކީ، އެކާޑުގެ ވެރިފަރާތެއްގެ ހަމައެކަނި އަމިއްލަ ބޭނުންތަކަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަށް ދީފައިވާ ލިމިޓެއް ކަމަށްވެސް ބޭންކުން ވިދާޅުވެއެވެ. އެހެންކަމުން މިފަދަ މުޢާމަލާތްތަކަކީ، އާންމުކޮށް ފައިސާގެ މުޢާމަލާތް ހިންގުމުގެ އުސޫލުތަކާ ޚިލާފު މުޢާމަލާތްތަކެއް ކަމަށާއި، ކުރިޔަށް އޮތްތާނގައި މިފަދަ މުޢާމަލާތްތައް ބަލައި، ފިޔަވަޅު އެޅުމަށްޓަކައި ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅަމުން ގެންދާނެ ކަމަށްވެސް ބޭންކުން ވިދާޅުވެއެވެ. އަދި މިގޮތަށް ބޭނުން ކުރާ ކާޑުތަކަށް ރާއްޖެއިން ބޭރުގައި ބޭނުން ކުރުމަށް ކަނޑައެޅިފައިވާ ލިމިޓް ކަނޑާލުމާއި، އެފަދަ މާރޗެންޓުތަކުގައި މުޢާމަލާތް ނުކުރެވޭ ގޮތް ހެދުން ފަދަ ފިޔަވަޅުތައް ބޭންކުން އަޅަން ޖެހިދާނެ ކަމަށްވެސް ބީއެމްއެލްއިން ވިދާޅުވެއެވެ.
ޑެބިޓް ކާޑު މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ބޭނުން ކުރުމަށް ބޭރު ފައިސާ ވިއްކޭ އަދަދު ބޮޑުކޮށްފައިވަނީ، ރާއްޖެއިން ބޭރަށް އެކި ބޭނުންތަކުގައި ދަތުރު ކުރާއިރު ޒަރޫރީ ބޭނުންތަކަށާއި އެހެނިހެން ކަންތައްތަކަށް ވީއެންމެ ލުއިފަސޭހަ ގޮތްތައް ހަމަޖައްސައި ދިނުމުގެ ބޭނުމުގައި ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތް ދެވޭނީ، ނަހަމަ ގޮތުގައި ކާޑު ބޭނުން ކުރުމަށް ހިންގާ އަމަލުތައް ހުއްޓިގެން ކަންވެސް ބީއެމްއެލްއިން ފާހަގަކުރައްވައެވެ.
އެހެންކަމުން ކާޑުގެ ވެރިފަރާތުގެ އެކައުންޓްގެ ރައްކާތެރިކަމަށާއި، ޤަވާއިދުތަކާ އެއްގޮތަށް އަމަލު ކުރެވޭކަން ކަށަވަރު ކުރުމަށާއި، ބޭންކުން ދީފައިވާ މިފަދަ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދެމުން ގެންދެވޭނެ ގޮތް މަގުފަހި ކުރުމަށް އަމިއްލަ ކާޑު، އެހެން ފަރާތްތަކުން ފައިދާ ނެގުމަށް ނުދިނުމަށް ބީއެމްއެލްއިން ޢިލްތިމާސްކުރައްވައެވެ.