ޚަބަރު

ކަނޑުވި 68 އަހަރުގެ ދިވެއްސަކު ސަލާމަތްކޮށްފި


  • އެމީހާ ދަތުރުކުރީ އެކަނިކަމަށް ފުލުހުން ވިދާޅުވި

  • އެދޯނީގެ ބައެއް ތަކެތި އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެދިފައިވޭ

ށ. ފީވަކަށް ދަތުރު ކުރި ދޯންޏެއް ދިޔަވެ ކަނޑުވި މީހަކު ފުލުހުން ސަލާމަތްކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ށ. ފުނަދޫން އެއަތޮޅު ފީވަކަށް ދަތުރު ކުރަނިކޮށް ދޯންޏެއް ދިޔަވެ، އަޑިއަށްދާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 11:50 ހާއިރު ލިބުނު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމުން، ދޯނި ދިޔަވި ސަރަހައްދަށް ފުލުހުންގެ ލޯންޗު ގޮސް ބެލުމުން، ދޯނިން ދަތުރުކުރި މީހާ ފީވަށް ކައިރީ ކަނޑު ތެރެއިން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެއީ، އުމުރުން 68 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ، އެމީހާ ސަލާމަތްކޮށް ފުލުހުންގެ ލޯންޗުގައި ފީވަކަށް ގެންގޮސްފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ފުލުހުން ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން އެމީހާ ދަތުރުކޮށްފައިވަނީ އެކަނިކަން އެނގިފައިވާ ކަމަށެވެ. އަދި އެދޯނީގެ ބައެއް ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދީގެން ދަތުރު ކުރުމަށް ފުލުހުން ވަނީ ޢިލްތިމާސްކޮށްފައެވެ.