ޚަބަރު

އައިޑީކާޑުގެ ޚިދުމަތް ލަންކާގައި ފަށައިފި


  • ލަންކާއަކީ ރާއްޖެއިން ބޭރުން އައިޑީކާޑުގެ ޚިދުމަތް ލިބޭ ދެވަނަ ގައުމު

  • އައިޑީކާޑުގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާ

ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ސްރީލަންކާގައި ފަށައިފިއެވެ.

އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފަށްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުން ވިދާޅުވީ، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށުމާއި ގުޅިގެން އެގައުމުގައި ދިރި އުޅުއްވާ ދިވެހި ރައްޔިތުންނަށް، އައިޑީ ކާޑު ލިބުން އަވަސްވެގެންދާނެ ކަމަށެވެ.

ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް އައިޑީ ކާޑުގެ ޚިދުމަތް ފެށުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ އިރު މިއީ ރާއްޖެއިން ބޭރުން އައިޑީ ކާޑުގެ ޚިދުމަތް ލިބޭ ދެވަނަ ގައުމެވެ.

ރާއްޖޭއިން ބޭރުގައި އައިޑީ ކާޑުގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ. އަދި އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.

ދިވެހިރާއްޖޭގެ ހުރިހައި އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ނިމިފައިވާއިރު، މި އަމާޒު ހާސިލުކުރައްވާފައި ވަނީ، ކަނޑައެޅުއްވި މުއްދަތަށްވުރެ 3 މަސްދުވަސް ކުރިންނެވެ.

ލާމަރުކަޒީ އުސޫލުން، ރައްޔިތުންނާ ގާތަށް ޚިދުމަތްތައް ގެނެސްދެއްވުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ، މުހިންމު ސިޔާސަތެކެވެ. ރައްޔިތުންގެ އަސާސީ މުހުތާދުތައް ރަށުގައި ތިބެގެން ފުއްދޭނެ އިންތިޒާމު ހަމަޖައްސަވައި، ބޮޑު ޚަރަދުކޮށް މާލެ އައިސް ކޮންމެ ކަމެއް ކުރަން ރައްޔިތުން އުފުލާ ބުރަ ނިމުމަކަށް ގެނަސްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.