ޚަބަރު

1 ކޮޓަރީގެ ފްލެޓު ދޫކޮށްލުމުން 3 ކޮޓަރީގެ ފްލެޓު، ސްކީމްތަކަށް ކުރިމަތިލެވޭނެ


  • ހައުސިން ސްކީމުން ފްލެޓް ލިބިއްޖެނަމަ ކުރިން ލިބިފައިވާ ފްލެޓް ދޫކޮށްލަންޖެހޭނެ

  • ޢާއިލާގެ މެމްބަރުން އިތުރުވެ، ބޯހިޔާވަހިކަމުގެ ދަތިކަން ބައެއް ޢާއިލާތަކަށް އެބައޮތް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ކުރިން 1 ކޮޓަރީގެ އެޕާޓްމަންޓް ލިބިފައިވާ ފަރާތަކަށްވެސް މީގެފަހުން ހައުސިންގ ސްކީމްތަކަށް ކުރިމަތިލެވޭގޮތަށް ހަމަޖައްސާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މީގެކުރީގެ ހައުސިންގ ސްކީމަކުން، 1 ކޮޓަރީގެ އެޕާޓަމަންޓް ލިބިފައިވާ ފަރާތެއް ނަމަ މިހާރު އޮންނަ ގޮތުން އިތުރު ސްކީމަކަށް ކުރިމަތި ނުލެވޭކަމަށެވެ. އަދި މިއީ ވަރަށް ގިނަ ބައެއްގަ ކަންބޮޑުވުމަކަށްވުމުން އެކަން ސަރުކާރުން މިހާރު ބަދަލުކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

""3 ކޮޓަރި ފްލެޓަށް ދެވޭގޮތަށް އެ އުސޫލު އެވަނީ މިގޮތަށް ބޭއްވުނު ބައްދަލުވުން ތަކުގެ ތެރެއިން ރައްޔިތުން ހުށަހެޅި ޚިޔާލު ބަލައިގަނެވި އެބަދަލު ގެނެސްދީފައި، އެއްކޮޓަރީގެ ފްލެޓު ލިބިގެން ތަންކޮޅެއް ކުރީ ޒަމާނެއްގައި ފްލެޓު ލިބިފައިވާ ފަރާތްތަކަށްވެސް ކުރިމަތިލެވޭނެ. ކުރިމަތިލައި ހޮވިއްޖިއްޔާ އެތަން ދޫކޮށްލާފައި ލިބޭ ތަނަށް ދެވޭ ގޮތަށް އެވަނީ އުސޫލަށް އިސްލާހު ގެނެވިފައި." ރައީސް ވިދާޅުވިއެވެ.

އާއިލާގެ މެމްބަރުން އިތުރުވެ، އެއް ކޮޓަރީގެ އެޕާޓްމަންޓުގައި ދިރިއުޅެން ދަތިވި ނަމަވެސް، ހައުސިންގ ސްކީމްތަކަށް ޝަރަތު ހަމަނުވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ މުޅި ރާއްޖެއަށްބަލާއިރުވެސް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. މިކަމަށް ޙައްލު ގެނައުމަށްސަރުކާރުން އަތޮޅުތަކާއި މާލެ ސަރަޙައްދުގައި ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ.

"ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ފުރަތަމަސްކީމްގެ ދަށުންވަނީ މާލެ ސަރަޙައްދުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށްވަނީހުޅުވާލާފައެވެ. މި ސްކީމްގައި ހިމަނައިގެން 15000 ގޯއްޗާއި 7500 ފްލެޓް ދޫކުރުމަށްވަނީނިންމަވާފައެވެ. މިގޮތުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުން އަގުހެޔޮކޮށްރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުންދަނީމަސައްކަތްކުރަމުންނެވެ.