ޚަބަރު

ޗައިނާއާއެކު ފަތުރުވެރިކަމުގެ ދާއިރާގެ ގުޅުން ބަދަހިކުރުމަށް ފޯރަމެއް ބާއްވަނީ


  • ޗައިނާއިން ރާއްޖެއަށް 320،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވޭ

  • ޗައިނާގެ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރަން މަސައްކަތް ކުރަންޖެހޭ ކަމަށް ސަރުކާރުން ވިދާޅުވި

ޗައިނާއާއެކު ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް، އަންނަ އަހަރު ވަޒީރުންގެ ފެންވަރުގެ ފޯރަމެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޚާރިޖީ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ، ރާއްޖެއަށް ޒިޔާރަތް ކުރާ ޗައިނާ ފަތުރުވެރިންގެ ސަލާމަތާއި، ރައްކާތެރިކަން ކަށަވަރު ކުރުމަށް ގުޅިގެން ބާއްވާ 7 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މި ބައްދަލުވުން ޗެއަރކޮށްދެއްވީ، ރާއްޖޭގެ ފަރާތުން ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޝެރީނާ ޢަބްދުއްސަމަދާއި، ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނިޔާޒެވެ. ޗައިނާގެ ފަރާތުން ބައްދަލުން ޗެއަރ ކޮށްދެއްވީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮޮންގް ޒިންހުއާއެވެ.

މިއީ، ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ދިމާވާ އެކިއެކި ގޮންޖެހުންތައް ހައްލު ކުރުމަށް އެކި އިދާރާތައް ގުޅިގެން މަސައްކަތް ކުރުމަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަޝްވަރާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ ތެރެއިން ޗައިނާ ފަތުރުވެރިންގެ ރައްކާތެރިކަށް ކަށަވަރު ކުރުމަށް މިންގަނޑުތައް އިތުރަށް ހަރުދަނާ ކުރެވި، ސަރުކާރު އިދާރާތައް ގުޅިގެން މިކަންކަން ތަންފީޒު ކުރުމަށާއި، ސިޔާސަތުތަކުގައި ހުރި ގޮންޖެހުންތައް ދެނެގަނެވޭނެއެވެ. އަދި މި ބައްދަލުވުމުގެ ތެރެއިން މިކަންކަން ތަންފީޒު ކުރުމަށް މަޝްވަރާ ކުރާނެއެވެ.

މި ބައްދަލުވުމުގައި ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަ ޝެރީނާ ޢަބްދުއްސަމަދު ދެއްކެވި ވާހަކައިގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޗައިނާ ފަތުރުވެރިންގެ ޙިއްސާ ބޮޑު ކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް ޗައިނާއިން ރާއްޖެއަށް 320،000 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ ތަނބެއް ކަމަށް ވިދާޅުވިއެވެ. އަދި މިއީ، ޗައިނާ ފަތުރުވެރިން ރާއްޖެއަށް އޮންނަ އިތުބާރު ހާމަކޮށްދޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ވަނީ، މިދާއިރާއިން ޗައިނާއާއެކު އިތުރަށް ގުޅުން ބަދަހިކުރުމަށް، ފަތުރުވެރިކަމާއި ބެހޭ ވުޒާރާއާއި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ ގުޅިގެން، އަންނަ އަހަރު ވަޒީރުން ފެންވަރުގެ ފޯރަމެއް ބާއްވަން މަސައްކަތް ކުރަމުންދާކަން އިއުލާންކުރައްވާފައެވެ. މި ފޯރަމް ވެގެންދާނީ، ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ އިތުރުން ދެޤައުމުގެ އިންވެސްޓްމެންޓް އިތުރު ކުރުމަށާއި، ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ބާއްވާ ފޯރަމަކަށް ކަމަށް ސްޓޭޓް މިނިސްޓަރ ޝެރީނާ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރގެ ވާހަކަައިގައި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅި، އިދާރާތައް ގުޅިގެން މަސައްކަތް ކުރުމަށާއި، މުޅި ސިނާޢަތް އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް މިސިނާޢަތުގެ މޫދު ކުޅިވަރުތައް ކުރިއަށްގެންދާ ފެސިލިޓީތައް ފާހަގަކުރެއްވިއެވެ. އޭނާ ވަނީ، މި ބައްދަލުވުމަކީ ނަތީޖާ ނެރެވޭ ބައްދަލުވުމަކަށް ހެދުމަށް، ތަންފީޒުކުރާނެ ކަންކަން ކަނޑައަޅައި ފަތުރުވެރިކަމުގެ ސިނާޢަތުގެ އެކި ފަރާތްތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. މިމަގަށް މަސައްކަތް ކުރުމަށް ޤަވާއިދުތައް ތަންފީޒުވާ މިންވަރު ބަލައި، ހޭލުންތެރިކަން އިތުރުކޮށް އިންޝުއަރެންސް ކަވަރޭޖު ފަދަ ޚިދުމަތްތަކުގައި އެކުގައި މަސައްކަތް ކުރުމަށް އޭނާ ގޮވާލެއްވިއެވެ. މިއީ، ރާއްޖެއަށް ޒިޔާރާތް ކުރާ ޗައިނާ ފަތުރުވެރިންގެ ރައްކާތެރިކަން ކަަށަވަރު ކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ސްޓޭޓް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާ ވަނީ ޗައިނާ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ދެމުންގެންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ.

މިއަހަރުގެ ބައްދަލުވުމުން ބާސެލޯ ނަސަންދުރަ ހޮޓަލުގައި ބޭއްވިގެން ދިޔައިރު، މި ބައްދަލުމަކީ 2014 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ބަދަލުވުމެކެވެ. މި ބައްދަލުވުމުގައި ސަރުކާރުގެ ކަމާއި ގުޅުންހުރި ވުޒާރާތަކާއި، ތަންފީޒީ އިދާރާތަކާއި، ސިއްޙީ އިދާރާތަކުގެ އިތުރުން، ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ޖަމިއްޔާޖަމާޢަތްތަކުގެ އިތުރުން އެންޑީއެމްއޭގެ އަދި އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކާއި އެހެނިހެން ޚިދުމަތްދޭ ފަރާތްތައް ވަނީ ބައިވެރިވިއެވެ.