ސައްޚަ ނޫން ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކަކުން އޮޅުވާލައިގެން މުދާ ހޯދި މައްސަލާގައި ހުސައިންގެ ޝިފާއުގެ މައްޗަށް 7 މިލިޔަން ރުފިޔާގެ ޖޫރިމަނާއަކާއެކު 109 އަހަރުގެ ޖަލުހުކުމެއް އިއްވައިފިއެވެ.
ސައްޙަ ނޫން ޓީޓީތަކެއް ފޮނުވައިގެން 123،000 ޑޮލަރު ނުވަތަ 1.9 މިލިއަން ރުފިޔާގެ މުދާ ހޯދި މައްސަލާގައި ޝިފާޢު ހައްޔަރުުކުރީ 2023ވަނަ އަހަރުުއެވެ. އޭނާގެ މައްޗަށް 23 ދައުވާއެއް ދައުލަތުން އުފުލާފައިވާއިރު އޭގެތެރޭގައި ހިމެނެނީ މަކަރާއި ހީލަތް ހެދުމުގެ 16 ދައުވާއަކާއި މަނީ ލޯންޑްރިންގެ 7 ދައުވާ އެކެވެ.
އެ ހުރިހާ ދައުވާތަކެއްގެ އަދަބު ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ވަކިވަކިން އިއްވެވި ހުކުމްތަކުގައި ހިމެނޭ އަދަބުތަކުގެ ޖުމްލަ އެއްކޮށްލުމުން 109 އަހަރާއި 6 މަހާއި 3 ދުވަހުގެ ޖަލު ހުކުމް އާދެއެވެ. އަދި އޭނާ ވަނީ 7 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. މިއީ ރާއްޖޭގައި މިހާތަނަށް އިއްވި އެންމެ ދިގު ޖަލު ހުކުމެކެވެ. އެއީ މަނީ ލޯންޑްރިންގެ ދައުވާތަކުގައި 70 އަހަރުގެ ޖަލު ހުކުމަކާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގައި 30 އަހަރުގެ ޖަލު ހުކުމަކާއި ސައްހަ ނޫން ލިޔުމުގެ ދިނުމުގެ ދައުވާތަކުގައި 9 އަހަރުގެ ޖަލު ހުކުމެކެވެ.
މި މައްސަލާގައި ޝިފާއު ހައްޔަރު ކުރުމަށް ފަހު 2023ވަނަ އަހަރު ބަންދުން ދޫކޮށްލުމުން އޭނާ ރާއްޖެ އިން ބޭރަށް ދިޔަ އެވެ. އޭގެ ފަހުން އިންޓަޕޯލް މެދުވެރިކޮށް އޭނާ ހައްޔަރުކުރަން ރެޑް ނޯޓިސް ނެރުމުން އޭނާ އެނބުރި ރާއްޖެ އައުމާއެކު އަލުން ހައްޔަރުކުރިއެވެ.