ޤަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކުރާ ކަމުގެ ތުހުމަތުގައި މާލެއިން 6 ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މި މީހުން ހައްޔަރު ކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިމަހުގެ 28 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަށެވެ.
މިމައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ، އުމުރުން 43 އަހަރުގެ ޗައުދަރީ ސްރެންދްރައާއި، އުމުރުން 28 އަހަރުގެ ސުގަންދަ ކުމާރު ޗައުދަރީއާއި، އުމުރުން 24 އަހަރުގެ ޗައުދަރީއެވެ. އަދި އުމުރުން 27 އަހަރުގެ މަކަރް ބަހާދުރް ޓަމަންގްއާއި، އުމުރުން 37 އަހަރުގެ ބިޝްވަނާތު ޗައުދްރީ އަދި ރަންރި މާޔާ ވައިބާއެވެ. މި 6 ބިދޭސީންނަކީވެސް ނޭޕާލަށް ނިސްބަތްވާ މީހުންނެވެ.
މި މީހުން ހައްޔަރު ކޮށްފައިވަނީ، މާފަންނު ގެއަކާއި ކެފޭއެއް ބަލާ ފާސްކުރުމުގެ ތެރެއިންނެވެ. އަދި މިކަމުގެ ތެރެއިން ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެހި ހުރި 500 އެމްއެލްގެ 21 ފުޅިއެއްވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަނުގައި ހައްޔަރު ކުރި ހުރިހާ ބިދޭސީންވެސް ޑީޕޯޓު ކޮށްލުމަށް އިމިގރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.