ޚަބަރު

ޞިއްޙީ ވުޒާރާގެ 170 މަޝްރޫޢު މިހާރުވެސް ކުރިއަށްދޭ: ވަޒީރު ނާޡިމް


  • 97 ޞިއްޙީ މަރުކަޒު މަރާމާތުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދޭ

  • ވޭތުވެދިޔަ 2 އަހަރު 1700އަށްވުރެ ގިނަ މުވައްޒަފުން އިތުރުކުރެވުނު

އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޞިއްޙީ ވުޒާރާގެ ބެލުމުގެދަށުން މިހާރުވެސް ޢުމްރާނީ ތަރައްޤީގެ 170އެއްހާ މަޝްރޫޢު ކުރިއަށްދާކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޞިއްޙީ ވުޒާރާއިން އަލަށް ތަޢާރަފްކުރި ސޮފްޓްވެއާތައް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ޞިއްޙީ ވަޒީރު ވިދާޅުވީ، އަތޮޅުތެރޭގެ ރަށްރަށުން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ޚާއްސަ ސިޔާސަތެއްކަމަށެވެ.

މި ސިޔާސަތު ތަންފީޒުކުރުމަށް ވޭތުވެދިޔަ ދެ އަހަރުތެރޭ ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އަތޮޅުތެރެއަށް ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް ވަށައިޖެހިގެން ކުރަންޖެހިފަ ހުރި ވަރަށް މުހިންމު ކަންތައްތަކަށް ރިއާޔަތްކުރެވި އެ މަސައްކަތްތައް މިހާރުވެސް ކުރިއަށް ގެންދެވޭކަމަށެވެ.

ބާވެ ވީރާނާވެފައިވާ ޞއްޙީ މަރުކަޒުތައް އިމާރާތްކުރުުމުގެ 170އެއްހާ މަޝްރޫޢު މިހާރުވެސް އެކި މަރުހަލާގައި ކުރިއަށްދެއެވެ. އޭގެތެރޭގައި މުޅިން އަލަށް ގާއިމްކުރާ 28 ހޮސްޕިޓަލާއި، އަތޮޅު ހޮސްޕިޓަލުތައް އަޕްގްރޭޑްކުރުމުގެ 14 މަޝްރޫއަކާއި، މުޅިން އަލަށް އިމާރާތްކުރާ 24 ޞިއްޙީ މަރުކަޒުގެ މަސައްކަތް ހިމެނެއެވެ. އަދި 97 ޞިއްޙީ މަރުކަޒު މަރާމާތުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމުގެ މަޝްރޫޢަކީ ވަރަށް އިސްކަންދެވިގެން ކުރިއަށްގެންދެވޭ މަޝްރޫއެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ، ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ރައީސްދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވފައެވެ.

"ކަން ހިންގުމުގެ ނިޒާމަށް އަންނަ ހެޔޮ ބަދަލާއި، މުޅި ވިސްނުމަށް އަންނަ ބަދަލު ނައިސް އަޅުގަނޑުމެންނަށް މި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑި ހާސިލްނުކުރެވޭނެ. ޚާއްސަކޮށް ރައީސް ޑރ.މުޢިއްޒު ގެންގުޅުއްވާ ލާމަރުކަޒީ ނިޒާމުގެ ތެރެއިން މި ޚިދުމަތް ފުޅާކޮށްގެން މެނުވީ ރައްޔިތުންނާ ގާޓުން ޚިދުމަތެއް ނުދެވޭނެ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އިމާރާތްތަކުގެ އިތުރުން ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާ އިތުރު މުވައްޒަފުން ނެގުމުގެ މަސައްކަތަކީވެސް ވޭތުވެދިޔަ 2 އަހަރު، ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. ޞިއްޙީ ދާއިރާއަށް 1700އަށްވުރެ ގިނަ މުވައްޒަފުން އިތުރުކުރެވިފަވާއިރު، އޭގެތެރެއިން 1000އެއްހާ މުވައްޒަފުންނަކީ އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކަށް ނެގުނު މުވައްޒަފުންނެވެ.