ޚަބަރު

ހުރިހާ އެއަރލައިނެއް އާ ޓާމިނަލަށް


  • އެންމެ ފުރަަތަމަ ޓަރމިނަލަށް ބަދަލުކޮށްފައިވަނީ މޯލްޑިވިއަން

  • މިހާރު ރާއްޖެއަށް ދަތުރުކުރާ 41 އެއަރލައިނަކަށް އައު ޓަރމިނަލުން ދަނީ ޚިދުމަތްދެމުން

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީއައިއޭއަށް ދަތުރުކުރާ ބައިނަލްއަޤުވާމީ ހުރިހާ އެއަރލައިންތަކެއްގެ އޮޕަރޭޝަންތައް މިހާރު އައު ޓަރމިނަލަށް ބަދަލުކޮށް ނިމިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.

ވީއައިއޭގެ އައު ޓަރމިނަލުން ޙިދުމަތް ދޭން ފެށީ މިދިޔަ އަހަރުގެ މިނިވަން ދުވަހާއި ދިމާކޮށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު ހުޅުވި މި ޓަރމިނަލަކީ ޒަމާނީ ގިނަ ޚިދުމަތްތަކަކާއެކު ތަރައްޤީކުރެވިފައިވާ ތަނެކެވެ. އައު ޓަރމިނަލްގެ ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު ހުންނައިރު، އަމިއްލައަށް ޗެކިން ކުރެވޭނެ 6 ސެލްފް ސާވިސް ކިއޮސްކް ވެސް ވަނީ ގާއިމުކޮށްފައެވެ.

މި ޓަރމިނަލް އެންމެ ފުރަތަމަ ބޭނުންކުރަން ފެށީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ބައިނަލްއަޤުވާމީ ދަތުރުތަކަށެވެ. އެއަށްފަހު ނެރޯ ބޮޑީ ފްލައިޓްތަކަށާއި ވައިޑް ބޮޑީ އެއަރކްރާފްޓްތަކަށް ޚިދުމަތް ދޭން ފެށިގެންދިޔައެވެ.

އެމްއޭސީއެލުން ވިދާޅުވީ، ހުރިހާ އެއަރލައިންތަކެއް އައު ޓަރމިނަލަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން އެންމެ ފަހުން ބަދަލުކޮށްފައިވަނީ ޓާކިޝް އެއަރލައިންސްއެވެ. މިއާއެކު މިހާރު ރާއްޖެއަށް ދަތުރުކުރާ 41 އެއަރލައިންގެ އޮޕަރޭޝަންތައް ވަނީ އައު ޓަރމިނަލަށް ބަދަލުކުރެވިފައެވެ.

ހުރިހާ އެއަރލަރިންތަކުގެ ޚިދުމަތްތައް އައު ޓަރމިނަލަށް ބަދަލުކުރެވިގެންދިއުމާއެކު ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށް ބައިނަލްއަޤުވާމީ އެއަރޕޯޓުތަކުން ދޭ ޚިދުމަތްތަކާ އެއްފެންވަރުގެ ޚިދުމަތެއް ފޯރުކޮށްދެވިގެންދާ ކަމަށް އެމްއޭސީއެލުން ވިދާޅުވެއެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

ވެލާނަރ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަކީ ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީކުރެވިފައިވާ ޓަރމިނަލެކެވެ. އެގޮތުން މި ޓަރމިލަނުގައި ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު ހުރެއެވެ. އަދި އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް ވަނީ ބަހައްޓާފައެވެ. މިއީ އައު ޓަރމިނަލާއެކު މުޅިން އަލަށް ރާއްޖެއަށް ތަޢާރަފްކުރެވޭ ޚިދުމަތެކެވެ.

މީގެ އިތުރުން، އައު ޓަރމިނަލުގައި ސީޕްލޭންއަށް ހާއްސަ 24 ޗެކިން ކައުންޓަރ ޤާއިމް ކުރެވިފައިވެއެވެ. ހަމަމިއާއެކު ޓަރމިނަލުގައި 12 އެއިރޯ ބްރިޖްވެސް ވަނީ ޤާއިމްކޮށްފައެވެ. މިއިން ކޮންމެ އެއިރޯ ބްރިޖަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު އޭސީ ކުރެވިފައިވާ ބްރިޖްތަކެއް ކަމަށާއި މިކަމުގެ ސަބަބުން ފްލައިޓުން މީހުން ބޭލުމަށް ހޭދަވާ ވަގުތު 8 މިނިޓަށް ކުޑަވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ވިދާޅުވެފައެވެ.