ޚަބަރު

ޙަމާސްގެ އިސް ކޮމާންޑަރެއް ހިމެނޭހެން ޣައްޒާގައި ދިހަ މީހުން ޝަހީދުކޮށްލައިފި


ޔަހޫދީން ޣައްޒާއަށް ދިން ވައިގެ ޙަމަލާއެއްގައި ޙަމާސްގެ އަސްކަރީ ގޮފީގެ އިސް
ވެރިޔަކު ހިމެނޭހެން 10 މީހުން ޝަހީދުވެއްޖެއެވެ.

ޔަހޫދީންގެ އެންމެ ފަހުގެ ޙަމަލާތައް ދީފައި މި ވަނީ އެމެރިކާއިން އިސްވެ އޮވެ އެކުލަވާލައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަމުންދާ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުހަލާ ފެށިފައިވާކަން އެމެރިކާއިން އިޢުލާނު ކުރުމުގެ އެއް ދުވަސް ފަހުންނެވެ.

އެނގިފައިވާ ގޮތުގައި ޙަމާސްގެ ކޮމާންޑަރެއް ކަމަށްވާ މުޙައްމަދު އަލްޙައުލީ ޝަހީދުވެފައި ވަނީ ދީރުލް ބަލާޙުގައެވެ. ޙަމާސުން ވަނީ އަލް-ޙައުލީ ޢާއިލާއަށް އަމާޒުކޮށް ޔަހޫދީން ދިން ޙަމަލާ ކުށްވެރިކޮށްފައެވެ. އަދި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަށް ޔަހޫދީން ޚިލާފުވެފައިވާކަން ޙަމާސުން އަނެއްކާވެސް ވަނީ ފާހަގަކޮށްފައެވެ.

ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ނަމަވެސް ޔަހޫދީން ދަނީ ޣައްޒާއަށް ތަކުރާރުކޮށް ޙަމަލާތައް އަމާޒުކުރަމުންނެވެ. އެ ގޮތުން އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން މިހާތަނަށް ފަލަަސްޠީނުގެ 400އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުވެފައެވެ. ޔަހޫދީން ވަނީ ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ހުންނަ އިމާރާތްތައް ސުންނާފަތިކޮށް، ޣައްޒާގެ ރައްޔިތުން ގެދޮރުން ބޭރުކޮށްފައެވެ. ޣައްޒާގެ ދެ މިލިޔަނެއްހާ މީހުން މިހާރު ދިރިއުޅެމުން ދަނީ ފޭލިގެތަކުގައި އާއި ގެއްލުން ލިބިފައިވާ އިމާރާތްތަކުގައެވެ.

އދގެ ކުޑަކުދިންނާބެހޭ އިދާރާއިން ބުނީ ޙަމަލާ ބަދަކުރުން ހުއްޓައިލުމާ ގުޅޭ އެއްބަސްވުން ޤާއިމްކުރި ފަހުން ވެސް ޣައްޒާގައި 100އަށްވުރެ ކުޑަކުދިން ޝަހީދުވެފައިވާ ކަމަަށެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޣައްޒާގައި 71،000އަށްވުރެ ގިނަ މީހުން ޔަހޫދީން ޝަހީދުކޮށްލާފައިވެއެވެ.