ނޫނު އަތޮޅުގެ ފެހިކަން ގަދަ ރަށްތަކުގެ މަތިން އުދުހިލާއިރު، މިއަދު ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ސަރާސަރު ބޮޑު ފަޅެއްގެ ތެރެއިން އުފަންވަމުން އަންނަ އައު ރަށްތަކެކެވެ. މިއީ ހަމައެކަނި ރިސޯޓުތަކެއް ނޫނެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އައު އިންގިލާބެއް ގެނުވާނެ، "ޕްރޮޖެކްޓް އައިލާ" މަޝްރޫއުއެވެ. ނޫނު ދިގުފަރު ފަޅާއި ދެކުނުފަރުގައި ތަރައްގީކުރާ މި މަޝްރޫއަކީ ރާއްޖޭގެ ފުރަތަމަ ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑްގެ ދަށުން ކުރިއަށްދާ ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫއެވެ.
750 މިލިޔަން ޑޮލަރުގެ މި މަޝްރޫއަކީ ރާއްޖޭގެ ސަގާފީ "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓަށް ބިނާކޮށް، އެހެން ނަމަވެސް އެއަށްވުރެ ފުޅާ ދާއިރާއެއްގައި ތަރައްގީކުރާ އިންޓަގްރޭޓެޑް ޓޫރިޒަމް މޮޑެލްއެކެވެ. މީގެ އެންމެ ހާއްސަ ސިފައަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި އުސޫލުތަކެވެ. އެގޮތުން މި ޒޯން ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން 60 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ވެގެންދާނެއެވެ. މީގެ އިތުރުން، ކުނި މެނޭޖްކުރުމުގެ އަމިއްލަ ނިޒާމުތަކާއެކު މިއީ ސެލްފް-ސަފިޝިއަންޓް ނުވަތަ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ސަރަހައްދަކަށް ވެގެންދާނެއެވެ.
މި މަޝްރޫއުގެ ދަށުން ތަރައްޤީކުރެވޭނީ ހަމައެކަނި ލަގްޒަރީ ވިލާތަކާއި މެރީނާތަކެއް ނޫނެވެ. މުޅި ރާއްޖޭގެ އިގުތިސާދަށް އަމާޒުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން ބައިނަލްއަގުވާމީ ފެންވަރުގެ ސިއްހީ ހިދުމަތްދޭ މަރުކަޒަކާއި، ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ތަމްރީނުކުރާ ހޮސްޕިޓާލިޓީ ސެންޓަރުތައް ހިމެނެއެވެ. އަދި ރާއްޖެއަށް އިމްޕޯޓްކުރާ ކާބޯތަކެތި މަދުކުރުމަށްޓަކައި، ޒަމާނީ ދަނޑުވެރިކަމާއި އެކުއަކަލްޗަރުގެ ވަސީލަތްތައް ގާއިމުކޮށް، ކާބޯތަކެތި އުފެއްދުން އިތުރުކުރުމަކީވެސް މި މަޝްރޫއުގެ މުހިންމު ބައެކެވެ.
ސަރުކާރުގެ އަމާޒަކީ 2028ވަނަ އަހަރުގެ ނިޔަލަށް މި ބިޔަ މަޝްރޫއު އެއްކޮށް ނިންމާލުމެވެ. އަދި މިހާރު މި މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. މި މަޝްރޫއު ނިމުމުން، މިއީ ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށާއި، މަސައްކަތްކުރާ މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކަށް ބޭނުންވާ ހުރިހާ އަސާސީ ހިދުމަތްތަކެއް ފުރިހަމައަށް ލިބިގެންދާނެ، ރާއްޖޭގެ ފޮރިން އިންވެސްޓްމަންޓުގެ އައު މޫނުމައްޗަށް ވެގެންދާނެއެވެ.
ހަމަމިއާއެކު، އިޖުތިމާޢީ ގޮތުންނާއި އިޤުތިޞާދީ ގޮތުން ބޮޑެތި ފައިދާތަކެއް ދިވެހި ޤައުމަށްކުރާނެ މަޝްރޫޢުއަކަށް މި މަޝްރޫޢު ވެގެންދާނެކަމާމެދު އެއްވެސް ޝައްކެއްނެތެވެ. މި މަޝްރޫޢުގެ ސަބަބުން ވަޒީފާގެ ފުރުޞަތުތައް އުފެދި، ޢާންމު ޚިދުމަތްތައް ޤާއިމުވެ، ތަޢުލީމާއި ތަމްރީންވުމުގެ ފުރުޞަތުތައް ފަހިވެ، ވަށައިޖެހޭ ތަރައްޤީ ރާއްޖެއަށް ގެނައުމަށް މަގުފަހިވާނެއެވެ. މިއީ ސީދާ ރައްޔިތުންނަށް ފައިދާކުރާނެ، ދެމެހެއްޓެނިވި ގޮތެއްގައި މުޅި ޤައުމުގެ އިޤުތިޞާދީ ދުވެލި ހަލުވިކޮށްދޭނެ މަޝްރޫޢުއެކެވެ.