ޝަހީދުންގެ ޒިކުރާ އާކުރައްވަަނީ ޝުކުރުވެރިކަމާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ ޝަހީދުންގެ ދުވަހުގެ މުނަސަބަތުގައި، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެެވެ.
ދިވެހި ޤައުމުގެ ދިފާޢުގައި ހަނގުރާމައިގެ މައިދާނުގައި ޖިހާދު ކުރައްވަނިކޮށް އަލިރަަސްގެފާނު ޝަހީދުވިތާ މިއަދަށް މިވަނީ 482 އަހަރު ފުރިފައެވެ. މިކަމަށް އިޝާރާތްކުރައްވާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާންމަހުގެ 1 ވަނަ ދުވަހު ދުޝްމިނުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން އެންމެ ފަހު ނޭވަޔާ ހަމަޔަށް އެ ހިތްވަރުގަދަ ޤައުމީ ބަޠަލު ދެއްކެވި ހިތްވަރާއި ފަންވަރުގެ ރޫޙު ތާއަބަދު މި ޤައުމުގައި ދިރިދިރި ހުންނާނެ ކަމަށެވެ.
މީގެ އިތުރުން، ޤައުމަށްޓަކައި ޖިހާދު ކުރައްވައި ޝަހީދުވި ފަހުލަވާނުންނާއި، ޤައުމީ ޚިދުމަތުގައި ވާޖިބު އަދާކުރަމުން ދަނިކޮށް ޝަހީދުވި ހިތްވަރުގަދަ ކެރޭ ދަރީންގެ ފަނޑުވުމެއް ނެތް ޒިކުރާވެސް މިއަދު މިއާކުރަނީ އެހާމެ ޝުކުރުވެރިކަމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހި ޤައުމުގެ ދިފާޢުގައި ހަނގުރާމައިގެ މައިދާނުގައި ޖިހާދު ކުރައްވަނިކޮށް އަލިރަަސްގެފާނު ޝަހީދުވިތާ މިއަދަށް މި ފުރުނީ 482 އަހަރު. ހިޖުރައިން 965 ވަނަ އަހަރު ޝަޢުބާންމަހުގެ 1 ވަނަ ދުވަހު ދުޝްމިނުންގެ ކުރިމައްޗަށް ނުކުމެ ވަޑައިގެން އެންމެ ފަހު ނޭވަޔާ ހަމަޔަށް މި ހިތްވަރުގަދަ… pic.twitter.com/O5ApFb2ZJA
— Dr Mohamed Muizzu (@MMuizzu) January 20, 2026
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، އަލިރަސްގެފާނު ފަދަ ޢަޒުމު ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ މަޖްދާއި ކަރާމާތް ނަގަހައްޓާނެ ކަމަށެވެ. އަދި މާތްﷲގެ ތަނަވަސް ރަޙްމަތްފުޅާއެކު ދިވެހި ޤައުމު މިނިވަންކަން މަތީ ދެމިއޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިދުވަހާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، އަލިރަސްގެފާނުގެ ހިތްވަރުގަދަ ޖިހާދުގެ ހަނދާން އައުކުރަމުން، ޝަހީދުންގެ ދުވަހުގެ ހެޔޮއެދުންތައް ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަންނަވާ ކަމަށެވެ. އަދި އަމާންކަމާއި މިނިވަންކަމުގައި، އަބަދުމެ ދިވެހިރާއްޖެ ދެމިއޮތުމަށް އެދި ދުޢާކުރާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
އަލިރަސްގެފާނުގެ ހިތްވަރުގަދަ ޖިހާދުގެ ހަނދާން އައުކުރަމުން، ޝަހީދުންގެ ދުވަހުގެ ހެޔޮއެދުންތައް ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަންނަވަން. އަމާންކަމާއި މިނިވަންކަމުގައި، އަބަދުމެ ދިވެހިރާއްޖެ ދެމިއޮތުމަށް އެދި ދުޢާކުރަން. pic.twitter.com/SBvZlJ695h
— First Lady Sajidha Mohamed (@sajidhaamohamed) January 20, 2026
ކޮންމެ އަހަރެއްގެ ޝަޢުބާން މަހުގެ 1ވަނަ ދުވަސް، ދިވެހިން ފާހަގަކުރަމުންދަނީ، ޤައުމާއި ދީނުގެ ދިފާޢުގައި ޤުރުބާންވެވަޑައިގެންނެވި އަބުޠާލުންގެ ހަނދާނާއި ޒިކުރާ އައުކުރުމަށެވެ. މި ދުވަސް ފުރަތަމަ ފާހަގަކުރީ 1400 ވަނަ އަހަރުގެ ޝަޢުބާންމަހުގެ 1 ވަނަ ދުވަހުއެވެ. އެއީ މީލާދީން 14 ޖޫން 1980 ގައެވެ.
ޝަހީދުންގެ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރުމަށް ޢަލިރަސްގެފާނު ކުރެއްވި ޖިހާދާއި، ބޮޑުތަކުރުފާނާއި އެ ތަކުރުފާނުގެ ބައިވެރިން ވެވަޑައިގެންނެވި ވަރުގަދަ ގުރުބާނީއާއި، އަދި ކައިރި މާޒީއަށް ޖެހިލާނަމަ 1988ވަނަ އަހަރު، ނޮވެންބަރުމަހުގެ 3ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ޙަމަލާގައި މޭ އައްޑަނައަކަށް ދިއްކޮށްލި ޝަހީދުންގެ ހަނދާން އައުކުރުމުގެ ދުވަހެވެ.