ރާއްޖެއިން ސީޝެލްސްއަށް ކަނޑައަޅުއްވާފައިވާ ސަފީރު މަސްޢޫދު އިމާދު ސަފީރުކަމުގެ ފަތްކޮޅު އެޤައުމުގެ ރައީސް ޑރ. ޕެޓްރިކް ހަރމިނީއަށް އަރުވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ އެ ޤައުމުގެ ވިކްޓޯރިއާގައި ހުންނަ ރިޔާސީ ގަނޑުވަރުގައެވެ. މި ރަސްމިއްޔާތުގައި ރާއްޖެއިން ސީޝެލްސްއަށް ކަނޑައެޅާފައި ހުންނަވާ ސަފީރު ވަނީ ސަފީރުކަމުގެ ފަތްކޮޅު އެ ޤައުމުގެ ރައީސަށް އަރުވާފައެވެ.
މިރަސްމިއްޔާތަށް ފަހު ބޭއްވި ބައްދަލުވުމުގައި، ސަފީރު މަސްޢޫދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާރާތްޕުޅުން އެ ޤައުމުގެ ރައީސް އަދި ރައްޔިތުންނަށް ތަހުނިއްޔާ އަރިސް ކުރައްވާފައެވެ. ސަފީރު ވަނީ ސީޝެލްސްއިން ކީ މަރުހާބާއަށް ޝުކުރު ދަންނަވާފައެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ސަފީރު ވިދާޅުވިއެވެ. ސަފީރު ވަނީ މި ބައްދަލުވުގައި ދެ ޤައުމަށްވެސް މުހިންމު ދައިރާތައް ކަމުގައިވާ މަސްވެރިކަމާއި، ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާ ހިމެނޭހެން ގުޅުން ބަދަހި ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގައި ސީޝެލްސްގެ ރައީސް ވަނީ ސަފީރު މަސްޢޫދަށް މަރުހަބާ ދަންނަވާ، ސަފީރުގެ ދައުރުގެ ތެރޭގައި ދެ ޤައުމު ދެމެދު އޮތް ހަރުދަނާ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މިބައްދަލުވުމަށް ފަހު ސަފީރު މަސްޢޫދު އިމާދު ވަނީ، ސީޝެލްސްގެ ނައިބު ރައީސް ސަބޭސްޓިއަސް ޕިއްލޭގެ އަރިހަށްވެސް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.
ރާއްޖެއިން ސީޝެލްސްއަށް ކަނޑައެޅުއްވި ސަފީރަކީ، މިވަގުތު ލަންކާއަށްވެސް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. ސަފީރު މަސްޢޫދު ހުންނަވަނީ ލަންކާ ހައިކޮމިޝަނުގައެވެ. އަދި ސީޝެލްސްގެ ސަފީރުކަން އަދާކުރައްވާނީ އެތަނުގައި ހުންނަވައިގެން ކަމަށް ދިވެހި ޚާރިޖިއްޔާއިން ވިދާޅުވިއެވެ.