ފަސް ފުރުސަތު ލިބި އެއް ގޯލު ޖެހުމަށްވުރެ ރޭ ޗެމްޕިއަންސް ލީގުގައި ހޯދި 3-0ގެ ނަތިޖާއާމެދު ސަޕޯޓަރުން ލިވަޕޫލް މާ ހިތްހަމަ ޖެހޭނެ ކަމަށް ކޯޗު އާނޭ ސްލޮޓް ބުނެފި އެވެ.
އޭނާ މިހެން ބުނީ ފްރާންސްގެ މާސޭ ބަލިކުރި މެޗަށް ފަހު އެވެ. މި މެޗުގައި ލިވަޕޫލަށް ގޯލު ޖަހައިދިނީ ކޯޑީ ގަޕޯ އާއި ޑޮމެނިކް ސޮބޮޒްލާއީ އަދި މާސޭ ކުޅުންތެރިއަކު ބައިކޮޅަށް ޖެހި ގޯލެކެވެ. މި ނަތީޖާއާއެކު ލިވަޕޫލް އޮތީ ހަތް މެޗުން 15 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނާގަ އެވެ. މާސޭ އޮތީ 7 މެޗުން 9 ޕޮއިންޓާއެކު 19 ވަނާގަ އެވެ.
ކޯޗު ބުނީ މި މެޗުގައި ލިވަޕޫލް ވަރަށް ރަނގަޅަށް ކުޅުނު ކަމަށެވެ.
"އެކަމަކު އަދިވެސް ކައުންޓަ އެޓޭކްގައި އަހަރުމެންނަށް ރަނގަޅު ކުރެވިދާނެ. ދެން އަހަރުމެން ބަލިނުވެ މެޗުތަކެއް ދިޔަ ނަމަވެސް ސަޕޯޓަރުން އުފާވާނެ ނަތީޖާއެއް. ސަބަބަކީ ގިނަ މެޗުތަކުގައި ފަސް ފުރުސަތު ހޯދައި އެއް ގޯލު ޖެހުމަށްވުރެ މި ނަތީޖާއިން އެ މީހުން މާބޮޑަށް އުފާވާނެތީވެ،" ކޯޗު ބުންޏެވެ.
އެފްރިކާ ކަޕުގެ ނާކާމިޔާބީ އަށް ފަހު މިސުރުގެ ފޯވަޑް މުހައްމަދު ސަލާހް ކުޅުނު ފުރަތަމަ މެޗަށް ފަހު ކޯޗު ބުނީ މި ސީޒަނުގައި ލިވަޕޫލްގެ ގިނަ މެޗުތަކެއް އެއްވަރުވަނީ ކީއްވެކަން އެނގޭ ކަމަށާއި މުހިންމު ގިނަ ކުޅުންތެރިންނަށް ދިމާވި އަނިޔާގެ މައްސަލަތަކަކީ އޭގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ. މިހެންވެ ޗެމްޕިއަންސް ލީގުގައި އެންމެ މުހިންމީ ޕްލޭއޯފް ކުޅެން ނުޖެހޭ ޓީމުތަކުގެ ތެރޭގައި ހިމެނުން ކަމަށެވެ. އެކަން ކުރެވޭނީ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނިގެންނެވެ. ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ އެންމެ މެޗެކެވެ. ލިވަޕޫލަށް ދެން އޮތީ ގަރަބާގާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.
ކެޕްޓަން ވާޖިލް ވެންޑައިކް ވެސް ވަނީ މެޗަށް ފަހު ގަދަ އަށެއްގައި ހިމެނުމުގެ މުހިންމުކަން ފާހަގަ ކޮށްފަ އެވެ. އޭނާ ބުނީ އެކަމަށްޓަކައި އަންނަ ހަފުތާގައި އަމިއްލަ ދަނޑުގައި ކުޅެން ޖެހޭ މެޗަށް ލިވަޕޫލް ވަރަށް ބޮޑަށް ތައްޔާރުވާނެ ކަމަށެވެ.
"ކޯޗު ޑިޒާބީގެ ޓީމުތަކާ ކުޅެން އަބަދުވެސް އުނދަގޫ. މިހެންވެ އަހަރުމެން މި މެޗަށް ނުކުތީ ވަރަށް ތައްޔާރުވެގެން. މި ނަތީޖާއާކީ ވަރަށް ރަނގަޅު ނަތީޖާއެއް. ގަދަ އަށެއްގައި އަހަރުމެން ހިމެނުން ވަރަށް މުހިންމު. އެކަމަށްޓަކައި އަހަރުމެން ޖެހޭ ވަރަށް ބޮޑަށް ތައްޔާރުވާން،" ވެންޑައިކް ބުންޏެވެ.