ކުޅިވަރު

މެސީ ނުގެނައީ ލަޕޯޓާ ކަމަށް ބުނުމުން ޒަވީ އަށް ރައްދު ދީފި


ބާސެލޯނާ އަށް އަލުން ލަޔޮނަލް މެސީ ނުގެނައީ މިހާރުގެ ރައީސް ޖޯން ލަޕޯޓާ ކަމަށް އެ ކުލަބުގެ ކުރީގެ ކޯޗު ޒަވީ ހަނާންޑޭޒް ބުނެފި އެވެ.

އަންނަ ހަފުތާގައި އޮންނަ އެ ކުލަބުގެ އިންތިހާބާ ދިމާކޮށް ލަޕޯޓާ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ކުރީގެ ކެޕްޓަން ޒަވީ ބުނީ 2022ގެ ވޯލްޑް ކަޕް ނިންމާފައި މެސީ ބާސެލޯނާ އަށް އަންނަން އެގްރީމަންޓްގައި ވެސް ސޮއިކުރި ކަމަށެވެ.

"އެކަމަކު އެކަން ނުވީ ލަޕޯޓާ އެކަށް އެއްބަސް ނުވުމުން. މެސީގެ ކޮންޓްރެކްޓަށް ލަލީގާއިން ވެސް ފެހި ސިގްނަލް ދިން. އެކަމަކު ލަޕޯޓާ އެކަމަށް އެއްބަހެއް ނުވި. އޭނާ ބުނީ މެސީގެ ކޮންޓްރެކްޓްގެ ސަބަބުން ބާސެލޯނާއިން މުސާރައިގެ ހަނގުރާމައެއް ކުރަން ޖެހޭނެ ކަމަށް. މިހެންވެ އަލުން މެސީ ގެންނަން އެއްބަސް ނުވެވޭނެ ކަމަށް. މި ހިސާބުން މެސީ އަހަރެންގެ ފޯނު ކޯލުތަކާއި މެސެޖްތަކަށް ޖަވާބު ދިނުން ވެސް ހުއްޓާލި،" ޒަވީ ބުންޏެވެ.

ގިނަ ދުވަސްތަކެއް ވަންދެން މެސީއާއެކު ކުޅުނު މިޑްފީލްޑަރު ބުނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ކޯޗު ކޮށްދޭން ފުރުސަތު ލިބޭތީވެ އޭނާ ހުރީ ވަރަށް އުފަލުން ކަމަށެވެ.

"އެކަމަކު ލަޕޯޓާ ހުރިހާ ކަމެއް ފަނިކޮށްލީ. އޭނާ ބޭނުންނުވީ މެސީ އެނބުރި އަންނަން،" ޒަވީ ބުންޏެވެ.

ނަމަވެސް މިކަމާ ގުޅޭ ގޮތުން ލަޕޯޓާ ވަނީ ޒަވީ އަށް ރައްދު ދީފަ އެވެ. އޭނާ ބުނީ 2021 ވަނަ އަހަރު މެސީ ކުލަބު ދޫކޮށްލަން ޖެހުނީ ވެސް އޭނާގެ މުސާރަ ބޮޑު ކޮންޓްރެކްޓް ލަލީގާއިން ރަޖިސްޓަރީ ކޮށް ނުދިނުމުން ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ ޓްރާންސްފާ މާކެޓް އައިސް ޖެހުނުއިރު މެސީ ބާސެލޯނާ އަށް ގެނައުމަށް ވާހަކަ ދެކެވުނަސް އެ ކުލަބުގެ މާލީ ހާލަތު ހުރި ގޮތުން އަދި ކުޅުންތެރިންގެ މުސާރަތަކަށް ލަލީގާއިން ދީފައިވާ ލިމިޓްގެ ތެރޭގައި މެސީގެ ކޮންޓްރެކްޓް ރަޖިސްޓަރީ ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ. މިހެންވެ އެ ވާހަކަ މެސީގެ ބައްޕައާ ހިއްސާ ކުރި ކަމަށާއި ފްރާންސްގެ ޕީއެސްޖީ ދޫކޮށް އެމެރިކާގެ އިންޓަ މިއާމީ އަށް ބަދަލުވުމުގެ ކުރިން އޭނާގެ ބައްޕައާއެކު ވަކިން ވެސް ވާހަކަ ދެއްކި ކަމަށެވެ.

"އަހަރެން ވަރަށް ސާފުކޮށް ބުނިން މެސީގެ މުސާރަ ބޮޑުކަމުން ލަލީގާއިން އެކަމަށް ހުއްދަ ނުދޭނެ ވާހަކަ. މެސީ އެނބުރި ގެންނަން ބޭނުންވި ނަމަވެސް ކުލަބުގެ މާލީ ހާލަތު އެކަމަށް ތަނެއް ނުދޭ. އެކަން ކުރާނަމަ މުސާރަ ނުހިމަނައި އެހެން ޕްލޭނެއް ރާވަން ޖެހޭ. އެކަމަށް ވަކި ގޮތެއް ނުނިމުނު. އަހަރެން އިސްކުރީ ކުޅުންތެރިޔާ އަށް ވުރެ ބޮޑަށް ކުލަބުގެ މަސްލަހަތު. އެއްވެސް މީހަކު ކުލަބަށްވުރެ ބޮޑެއް ނުވާނެ. އެއީ އަހަރެން ކަމަށް ވިޔަސް. ޒަވީ އެ ދައްކަނީ މުޅިން ރަނގަޅު ވާހަކަ ތަކެއް ނޫން،" ލަޕޯޓާ ބުންޏެވެ.

ބާސެލޯނާގެ އިންތިހާބުގައި ލަޕޯޓާއާ ވާދަކުރަނީ އެންމެ ފަހުގެ އިންތިހާބުގައި ވެސް އޭނާއާ ވާދަކުރި ވިޔަފާރިވެރިޔާ ވިކްޓަރ ފޮންޓެވެ. އޭނާ އަކީ ޒަވީގެ ވަރަށް ގާތް ރަހުމަތްތެރިއެކެވެ. ފޮންޓްގެ ކެމްޕޭނުގައި ވެސް ޒަވީ ބައިވެރިވެ އެވެ. އަދި ފޮންޓް ވަނީ އޭނާ ރައީސް ކަމަށް ހޮވިއްޖެނަމަ މެސީ އަށް ކުލަބުގެ އޮނަރަރީ ރައީސްކަން ދޭނެ ކަމަށް ބުނެފަ އެވެ.

ނަމަވެސް މި އިންތިހާބާ ގުޅިގެން މެސީ ބުނެފައިވަނީ އެއްވެސް މީހަކަށް ވޯޓު ވެސް ނުލާނެ ކަމަށާއި އޭނާގެ ނަން އެއްވެސް ކެނޑިޑޭޓަކު ބޭނުން ނުކުރުމަށެވެ.