އދ.ދިގުރަށުގައި ކަރަންޓުގެ ޔަގީންކަން ކަށަވަރުކުރުމަށް، ޒަމާނީ ވިއުގައެއް ޤާއިމުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.
ސްޓެލްކޯއިން ވިދާޅުވީ ރަށަށް އަންނަމުންދާ އުމްރާނީ ތަރައްގީއާއެކު އދ.ދިގުރަށުގެ ކަރަންޓު ވިއުގަ އިތުރަށް ފުޅާކޮށް، ވަރުގަދަކުރުމަށްޓަކައި ކުރިއަށްގެންދާ "ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑިންގ" މަސައްކަތުގެ ތެރެއިން، އަލަށް ޤާއިމުކުރާ މީޑިއަމް ވޯލްޓޭޖް ނެޓްވޯކް އެޅުމުގެ މަސައްކަތް މިހާރު ބާރުސްޕީޑުގައި ކުރިއަށްދާކަމަށެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 1500 ކޭ.ވީ.އޭގެ އަޕްސްޓްރީމް ކެޕޭސިޓީ ޤާއިމުކުރުމާއެކު، ރަށުގައި އައު ސަބްސްޓޭޝަނެއް ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރިއަށްގެންގޮސްފަވާކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
އަމާޒަކީ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލުންކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ. މި ވިއުގައަށް ގެނެވޭ ބަދަލާއެކު ދިގުރަށުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި އިތުބާރުހުރި ކަރަންޓުގެ ޚިދުމަތެއް ފޯރުކޮށްދެވޭނެކަން ސްޓެލްކޯއިން ފާހަގަކުރެއެވެ.
ދިގުރަށަކީ ގާތްގަނޑަކަށް 600 މީހުންގެ އާބަދީއެއް އޮންނަ ރަށެކެވެ. އެރަށަކީ ގުދުރަތީ ރީތިކަން ލިބިފަވާ އަދި ރަށު ފަތުރުވެރިކަން ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ.
އެރަށުގައި މިހާރުވެސް 14 ވަރަކަށް ގެސްޓްހައުސް ހިންގަމުން އާދެއެވެ. އެހެންކަމުން ރަށުގައި ކަރަންޓުގެ ރައްކާތެރިކަން އިތުރުކުރެވުމަކީ ރަށުގެ ރައްޔިތުންނާއި އަދި ރަށުގެ ވިޔަފާރިތަކަށްވެސް ލިބިގެންދާ މުހިންމު ޚިދުމަތަކަށްވެގެންދެއެވެ.