ރާއްޖެއަށް ބޭނުންވާ އެލައިޑް ހެލްތު ޕްރޮފެޝަނަލުން އިތުރުކުރުމަށް މިއަހަރު ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ނިޒާމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޭނުންވާ ވަރަށް ޑޮކްޓަރުންނާއި ނަރުހުން ލިބުމުގައި ހުރި ދަތިތައް ކަމަށާއި ޚާއްސަކޮށް އެލައިޑް ހެލްތު ސްޕެޝަލިސްޓުންނަށް ރާއްޖޭގައި ޑިމާންޑު އޮތްވަރަށް ސްޕެޝަލިސްޓުން ނުލިބޭ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާންކުރެއްވިގޮތަށް 50 ތެރަޕިސްޓުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެ މަސައްކަތުގެ ތެރެއިން އިތުރު އިނާޔަތްތަކާއެކު ތެރަޕިސްޓުން ހޯދަން އިއުލާންކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޚާރިޖީ ވުޒާރާ މެދުވެރިކޮށް، އަވަށްޓެރި ޤައުމުތަކާ މަޝްވަރާކުރެވިގެންވެސް އެލައިޑް ހެލްތު ޕްރޮފެޝަނަލުން ހޯދުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި އެ ދާއިރާއިން ދިވެހިން ތަމްރީން ކުރުމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއާއި ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން މިއަހަރު އިތުރު ޕްރޮގްރާމުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ. މިއަހަރަށް ރާވާފައިވާ ޕްރޮގްރާމުތަކުގެ ތެރެއިން ރާއްޖެއަށް ދިމާވެފައިވާ މި މައްސަލައަށް ލުއިތަކެއް ލިބޭނެކަމަށް ގަބޫލުކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އެލައިޑް ހެލްތު ޕްރޮފެޝަނަލުން ގެނައުމުގެ އިތުރުން ރާއްޖޭގައި ޑޮކްޓަރުން އިތުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، ރާއްޖޭގައި އެމްބީބީއެސް ނިންމާ ދަރިވަރުންނަށް އިންޓަރންޝިޕް ހެދޭނެ ހޮސްޕިޓަލުތައް އިތުރުކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެ ފުރުސަތު ހުޅުވާލަން މަސައްކަތް ކުރައްވަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"މިސާލަކަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް. އެއީ މިފަދަ ޕްރޮގްރާމެއް ފެށުމަށްޓަކައި ވަކި އަދަދަކަށް ޕޭޝަންޓް ލޯޑު އެބަ ހުންނަންޖެހޭ. އެ މީހުން ދަސްކުރުމަށްޓަކައި އެކި ބަލިބައްޔަށް ފަރުވާދޭ މާހައުލެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބެންއެބަޖެހޭ. މި ޝަރުތުތައް ހަމަވާތަނެއްގައި ނޫނީ އަޅުގަނޑުމެންނަށް އިންޓަރންޝިޕް ޕްރޮގްރާމް ކުރިއަށް ނުގެންދެވޭނެ،" ޞިއްޙީ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އިންޓަރންޝިޕްގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ބަންގްލަދޭޝްގެ ޔުނިވަރސިޓީތަކާ ވާހަކަދައްކައިގެން މިހާރު އިތުރު 5 ޔުނިވަރސިޓީއަކުން އެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ.
ޞިއްޙީ ދާއިރާއަކީ ގިނަ ޚިދުމަތްތެރިން ބޭނުންވާ މުހިންމު ދާއިރާއެއްކަން ފާހަގަކުރައްވައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ވަނީ ކިޔަވައިގެން ނުކުންނަ ކުދިން ޞިއްޙީ ދާއިރާ ޚިޔާރުކުރުމަށް އެދިވަޑައިގެންފައެވެ.