ކުޅިވަރު

އުތުރު ކޮރެޔާ ބަލިކޮށް އޮސްޓްރޭލިޔާ އަންހެން ވޯލްޑްކަޕަށް


އުތުރު ކޮރެޔާ 2-1އިން ބަލިކޮށް އަންނަ އަހަރު ބްރެޒިލްގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން އޮސްޓްރޭލިޔާ ޖާގަ ހޯދައިފި އެވެ.

ނިއުޒީލޭންޑްގައި މިހާރު ކުރިއަށްދާ އަންހެނުންގެ އޭޝިއަން ކަޕުގެ ކުއާޓާ ފައިނަލްގެ މި މެޗުން މޮޅުވުމުން އޮސްޓްރޭލިޔާވީ ސެމީ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ގައުމަށެވެ.

އޭޝިއަން ކަޕުގެ ގަވާއިދުގައިވާ ގޮތުން މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭ ހަތަރު ޓީމަށް ވެސް ވޯލްޑް ކަޕުން ފުރުސަތު ލިބޭނެ އެވެ. މިހާތަނަށް ސެމީ ފައިނަލް ކަށަވަރު ކޮށްފައިވަނީ އޮސްޓްރޭލިޔާގެ އިތުރުން ޗައިނާ އާއި ދެކުނު ކޮރެޔާ އެވެ. ކޮރެޔާ ސެމީ އަށް ދިޔައީ އުޒުބަކިސްތާން 6-0އިން ބަލިކޮށްފަ އެވެ. ޗައިނާ މޮޅުވީ ޗައިނީސް ޓައިޕޭ އަތުން 2-0އިންނެވެ. ސެމީގެ ފަހު ޖާގަ ލިބޭނީ ޖަޕާނާއި ފިލިޕީންސް މެޗުން މޮޅުވާ ޓީމަކަށެވެ.

އޮސްޓްރޭލިގެ ކެޕްޓަން ސަމަންތަ ކާ ބުނީ މިއީ ވަރަށް ބޮޑު ކާމިޔާބީ އެއް ކަމަށެވެ.

"އަހަރުމެން އެންމެން ވެސް ތިބީ މިކަމަށް ބޭނުންވެފައި. މެޗުގައި ފެނިގެންދިޔައީ ވަރަށް ޓީމު ވަންތަ ކުޅުމެއް. މިކަން ހާސިލް މިވީ އެންމެންގެ މަސައްކަތުން. އަހަރެން ހުރިހާ ކުޅުންތެރިންނަށް ވެސް މަރުހަބާ ކިޔަން،" ކާ ބުންޏެވެ.

މެޗުގައި އޮސްޓްރޭލިޔާގެ ފުރަތަމަ ގޯލު ޖެހީ އަލަންނާ ކެނެޑީ އެވެ. މިއީ އޭނާ މި މުބާރާތުގައި ޖެހި ފަސް ވަނަ ލަނޑެވެ. އޭގެ ފަހުން ލީޑް ފުޅާކޮށްދިނީ ވެސް ސަމަންތަ ކާ އެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ޗައިނާ އެވެ. ސެމީ ފައިނަލުގައި ޗައިނާ ނުކުންނާނީ އޮސްޓްރޭލިޔާއާ ދެކޮޅަށެވެ.